މާލެއަށް ކުރަމުންދާ ބޯވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލީ ގޮތުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މާލޭގައި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެއެވެ.
ވައިގެ ގަދަމިނަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވާރޭވެހޭ ވަގުތުތަކުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވާރޭވެހުނު ނަމަވެސް، އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރެއެވެ.

