ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަނީ

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނައެޅި ސަޙްޔޫނީ ދައުލަތުން ފަލަސްޠީނުގެ ކުށެއްނެތް އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ނިންމި ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ބޮޑު އެއްވުމެއް މާދަމާ މާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އެއްވުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

މި އެއްވުމަކީ ސަޙްޔޫނީން ފަލަސްޠީނުގެ އަސީރުންނާ މެދު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އަޑުއުފުލުމަށާއި، ދިވެހިން އެ އަނިޔާވެރި އަމަލުތަކާ ދެކޮޅުކަން ހާމަކުރުމަށް ބާއްވާ ހަރަކާތެކެވެ. އިސްރާ އެސޯސިއޭޝަނުން ބުނި ގޮތުގައި، ސަޙްޔޫނީ ދައުލަތުން ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ޤާނޫނެއް ފާސްކުރުމަކީ އެއްވެސް ދީނެއްގައި އަދި ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ.

މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ. މާދަމާގެ އެއްވުމުގައި މިފަދަ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ބޮޑު އަޑެއް އުފުލާނެއެވެ. މި ހަރަކާތަކީ ހަމައެކަނި ރާއްޖޭގައި ބާއްވާ ހަރަކާތެއް ނޫން ކަމަށާއި، މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ސަޙްޔޫނީންނާ ދެކޮޅަށް މިފަދަ އެއްވުންތައް ކުރިއަށްދާނެ ކަމަށް އިސްރާ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ރާއްޖޭގައި މި އެއްވުން ބާއްވަނީ ފަލަސްޠީނުގެ އިލްމުވެރިންގެ ޖަމުޢިއްޔާ އާއި، ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިންގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެނިހެން ޖަމުޢިއްޔާތަކުގެ އެދުމުގެ މަތިންނެވެ. ފަލަސްޠީނުގެ ރައްޔިތުންނާ މެދު ސަޙްޔޫނީން ހިންގަމުންދާ ނަސްލުހޭދަކުރުމާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭން އަބަދުވެސް ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ވަރުގަދައަށް ވަކާލާތު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެކަން ތަކުރާރުކޮށް ހާމަކޮށްފައެވެ. އިސްރާ އެސޯސިއޭޝަނުން ވަނީ ވީހާވެސް ގިނަ ރައްޔިތުން މާދަމާ ހަވީރު އާޓިފިޝަލް ބީޗަށް ހާޒިރުވެ، ފަލަސްޠީނުގެ އަސީރުންގެ ޙައްގުގައި ބާއްވާ މި އެއްވުމުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: