ގދ. ތިނަދޫ ސިޓީގައި އަލަށް ގާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަނުން ޚިދުމަތް ދޭން ފަށާނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ނަފްސާނީ ފަރުވާގެ ޚިދުމަތަކީ މިވަގުތަށް އެ ސަރަހައްދަށް ނުހަނު ބޭނުންތެރި ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި، ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅޭ އަތޮޅެކެވެ. ވަކިން ޚާއްސަކޮށް ތިނަދޫއަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް ނުވަތަ އެލާމިން ލެވެލެއްގައި ފާހަގަކުރެވޭ ރަށެއްކަމަށް އޭނާ ވިދާޅުވިއެވެ. ”ރިކޯޑްސްތަކުން ދައްކާގޮތުގައި ތިނަދޫއަކީ އެލާމިން ލެވެލްއެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމާ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތްދެވޭނެ ފެސިލިޓީއެއް ގާއިމްކުރުން،“ އަޝްރަފް ވިދާޅުވިއެވެ.
މިހާރުވެސް އެ ހޮސްޕިޓަލުން ނަފްސާނީ ފަރުވާ ހޯދުމަށް ގިނަ ބަޔަކު އަންނަ އިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ކުދިން ހިމެނޭކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ކްލިނިކްގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މަސައްކަތް އަވަސްކުރުމުގެ ގޮތުން މަޝްރޫއު ކުރިއަށްގެންދަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.
އަޝްރަފް އިތުރަށް ޔަގީންކަން ދެއްވި ގޮތުގައި، މިއަހަރުގެ ތެރޭގައި ޚިދުމަތް ފަށާއިރު ހަމައެކަނި އިމާރާތެއް ނޫން، އެކަމަށް ޚާއްސަ ޑޮކްޓަރުންވެސް ގެނެވޭނެއެވެ. ތިނަދޫގައި ގާއިމްކުރާ މި ނަފްސާނީ ފަރުވާގެ ކްލިނިކާއެކު، ހުވަދުއަތޮޅާއި ތިނަދޫގެ ރައްޔިތުންނަށް ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

