ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ސަރަހައްދުގައި އަލަށް ބިނާކުރަމުންދާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދުކުރުމުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މިސްކިތަކީ އެއްފަހަރާ 1,095 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ސަރުކާރުން ދަނީ އެ ސަރަހައްދުގައި ދާއިމީ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންނެވެ. މިގޮތުން މިހާތަނަށް ދެވަނަ ފިޔަވަހީގައި ތިން ދާއިމީ މިސްކިތެއް ތަރައްގީކޮށް ނިންމާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ދާއިމީ މިސްކިތްތަކުގެ މަސައްކަތް ނިމެންދެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދެ ވަގުތީ މިސްކިތެއް ވެސް ފޭސް 2 ގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. ވިނަރެސް ސަރަހައްދުގައި ބިނާކުރާ މި މިސްކިތް ނިމުމުން، އެ ސަރަހައްދުގެ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

