އަތޮޅުތައް ހިންގުމަށް ސަރުކާރުން އުފެއްދެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމާ ގުޅިގެން، ރާއްޖޭގެ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ސޫދު ވިދާޅުވީ، ގާނޫނުއަސާސީގައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އަތޮޅުތައް ހިންގަން ސަރުކާރުން އުފެއްދެވި މިނިސްޓްރީ ވެސް އުވާލުމުން އަތޮޅުތައް ހިންގުން ހުސްކަމަކަށް އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މި ހުސްކަން ގާނޫނީ މަގަކުން ހަމަޖައްސަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ސޫދު ވިދާޅުވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާ ތަނެއް ކަމަށެވެ. ނަމަވެސް އިދާރީ ދާއިރާތައް ހިންގުމާއި، މަސައްކަތް ކުރާ ގޮތް ބެލުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”ކުރިން އަތޮޅުތައް ހިންގަމުން އައީ އަތޮޅުވެރިއެއް، ރާއްޖޭގެ އެޑްމިނިސްޓްރޭޓިވް ޔުނިޓަކީ އިދާރީ ދާއިރާތައް. އިދާރީ ދާއިރާ ތަކަކީ އަތޮޅުތައް. އެ އެޑްމިނިސްޓްރޭޓިވް ޔުނިޓުތައް ކާކުހޭ ހިންގަނީ. ކާކުހޭ ޒިންމާ ވަނީ،“ ސޫދު ސުވާލު އުފެއްދެވިއެވެ.
ސޫދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަށު ކައުންސިލްތަކުގެ އިހުތިސާސުން ބޭރުގައިވާ ކަންކަމާ ޒިންމާވެ، އަތޮޅު ފެންވަރުގައި އަމުރުމައުރޫފް ހިންގާނީ ކޮން ފަރާތަކުންތޯ ބަލަންޖެހެއެވެ. އަދި އެލްޖީއޭއަށް އިދާރީ ދާއިރާތައް ހިންގުމުގެ ބާރު އެއްވެސް ގާނޫނަކުން ދީފައިވޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ނިންމަވާލައްވަމުން ސޫދު ވިދާޅުވީ އެލްޖީއޭ އުފައްދާފައިވާ މަގްސަދާއި، އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާ އޮޅުވާލައިގެން ނުވާނެ ކަމަށެވެ. މި މައްސަލައަކީ ގާނޫނީ ގޮތުން އަވަސް ހައްލެއް ބޭނުންވާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

