ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް މި އަހަރު ދޫކުރާ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓުގެ ފައިސާ އިން އެ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ
. މޭޔަރު މިހެން ވިދާޅުވީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުން ކައުންސިލްތަކަށް ދޭ ފައިސާ އިން ރަށްރަށުގެ މެއިންޓަނެންސް މަސައްކަތްތައް ނުކުރާ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތުން ދޭ އިރު، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ނަމަ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ، ބްލޮކް ގްރާންޓުން މުވައްޒަފުންގެ މުސާރަ ވެސް ނުދެވޭ އިރު، އޭގެ ތެރޭގައި ކަރަންޓާއި ފެން ބިލް ވެސް ނުހިމެނޭ ކަމަށެވެ. ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލަކީ އާމްދަނީ އެންމެ ބޮޑަށް އިތުރުކުރި އެއް ކައުންސިލެވެ. އެގޮތުން ކައުންސިލްގެ އާމްދަނީ 14 މިލިއަނުން 40 މިލިއަނަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
”އޭގެއިން އަޅުގަނޑުމެން އައްޑޫ ސިޓީގެ ލިންކު ރޯޑް މަރާމާތު މިކުރަނީ. އަދި އޭގެ އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރަނީ،“ ނިޒާރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކައުންސިލުން އަމިއްލައަށް ހޯދާ ފައިސާ ބޭނުންކޮށްގެން ސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް މިހާރު ވެސް އައްޑޫގައި ކުރަމުންދާ ކަމަށެވެ.
އައްޑޫ ލިންކު ރޯޑުގެ މަރާމާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާތާ ދޮޅު އަހަރު ވާން ކައިރިވެފައިވާއިރު އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ނުދާ ސަބަބު މިނިސްޓަރު ބައްލަވަންޖެހޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ބްލޮކް ގްރާންޓް ކަނޑައެޅުމުގައި މިހާރު އަމަލުކުރަނީ އާބާދީގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ އުސޫލަށެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ އާރުޑީސީން ލިންކު ރޯޑުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

