ސަރުކާރުގެ އެކި މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ.
މުންދު ވިދާޅުވީ އެފަދަ އަދަދެއްގެ މުވައްޒަފުން ވަކިކުރާކަން އެނގިފައި ނުވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާން މިހެން ވިދާޅުވީ ސަރުކާރުގެ މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މުވައްޒަފުންގެ ލިސްޓު މިނިސްޓަރުން ރައީސާ ހިއްސާކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ. ރިޕޯޓްތަކުގައިވާ ގޮތުން އެ ލިސްޓުގައި ވަކިކުރަން ނިންމާފައިވާ މުވައްޒަފުންގެ ނަމާއި އެ މީހުން ނިސްބަތްވާ ދާއިރާތައް ވެސް ހިމަނާފައިވެއެވެ.
މިކަމާ ގުޅިގެން ”ސަންގު“ އިން ސުވާލު ކުރުމުން މުންދު ވިދާޅުވީ 500 މުވައްޒަފުން ކަނޑާލަން އުޅޭކަން އެނގިފައި ނުވި ނަމަވެސް، މިނިސްޓްރީތައް ބަދަލުކުރުމާއި، އެއްކުރުމާއި އަދި ބައެއް އިދާރާތައް އުވާލުން ފަދަ ކަންކަން މީގެކުރިންވެސް ހިނގާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އިދާރީ ބަދަލުތައް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެފަދަ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައެއް މިނިސްޓްރީތަކުގެ އޮނިގަނޑަށް ބަދަލުތައް އަންނާނެ ކަމަށެވެ.
”މިހާރުވެސް ދަނީ މުވައްޒަފުންގެ ޕާފޯމަންސް ބަލަމުން،“ މުންދު ވިދާޅުވިއެވެ.
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބިނާކޮށް މީހުން ވަކިކުރުމާއި އައްޔަނުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ މިފަދަ ބަދަލުތައް އަންނައިރު ވަކި އަދަދެއް ބުނަން ދަތިވި ނަމަވެސް، މި ހުރިހާ ކަމެއްވެސް އާންމު ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

