މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ޕީއެންސީއަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި، ނަމަވެސް އެ ޕާޓީއަކީ އަބަދުވެސް އޭ ރިޕޯޓެއް ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ޕީއެންސީއަކީ ކުޑަރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތުކުރާނެ ޕާޓީއެއް ނޫން ކަމަށާއި، ކޮންމެ ރަށަކީވެސް އެ ޕާޓީއަށް މުހިންމު ރަށެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބޭނުންފުޅުވަނީ އޭ ރިޕޯޓެއް ކަމަށާއި، އިންތިހާބުގެ ނަތީޖާއާއެކު ރައްޔިތުން ވިދާޅުވި ވާހަކަތައް ރައީސް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
”އިންތިހާބު ނިމޭ އިރަށް ރައްޔިތުން ވާހަކަތަކެއް ވިދާޅުވެއްޖެ ކަމަށް ރައީސް ވިދާޅުވި. އެ މަނިކްފާނު ރައްޔިތުންގެ އަޑު އައްސަވައިފިން ކަމަށް ވިދާޅުވެ އެ ވަގުތުން ފެށިގެން މަސައްކަތް ފެއްޓެވި. ޑިމޮކްރަސީއެއްގައި ފެނިގެންދާނެ އެންމެ ރީތި މަންޒަރަކީ މިއީ“ ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ނިމިދިޔަ ދައުރުގައި ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރުމުންވެސް ވަޒީރުން މަގާމުން ވަކިކުރަން ނުކެރުނު ކަމަށެވެ. އަދި ދައުލަތުގެ ވަތްގަނޑު ހުސްކުރިއިރުވެސް، ބަލަދުއަރާފައި ތިބި ވަޒީރުންނާއެކު ވެރިކަން ކުރިއަށް ގެންދިޔަ މަންޒަރު ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، މީގެ ކުރިން ކައުންސިލް އިންތިހާބެއްގައި ވޯޓުނުލާހާ ގިނަ އަދަދަކަށް މީހުން ވޯޓުލުމުން އަންގައިދެނީ ރައްޔިތުން މިހާރުގެ ނިޒާމަށް ކުރާ އިތުބާރު ކަމަށެވެ. އަދި މި ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ނުފޯރުވާނެކަން ރައްޔިތުންނަށް މިހާރު ކަށަވަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ސަރުކާރުން އިންތިހާބަށް އަތްބާނަން ބޭނުންވިނަމަ، އެންމެ ބޮޑު އެއް އާބާދީ އޮތް ރަށުގެ މެންބަރު މަޖިލީހުން ވަކިކުރަން އުޅުނު ވަގުތު އެކަމަށް ނުފޫޒު ފޯރުވީސް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

