ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. މި ނަތީޖާއަކީ ހަމައެކަނި ކާމިޔާބު ހޯދި ކެންޑިޑޭޓުންގެ ލިސްޓެއް ނޫނެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، ރައްޔިތުންގެ ވިސްނުން ހުރި ގޮތް ވަރަށް ސާފުކޮށް ހާމަކޮށްދިން މުހިންމު ނަތީޖާއެކެވެ.
ދާއިމީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. ޕީއެންސީން ޖުމްލަ 581 ގޮނޑި ކާމިޔާބުކުރިއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 562 ގޮނޑިއެވެ. މި ދެ ޕާޓީގެ ދެމެދުގައި އޮތް 21 ގޮނޑީގެ ކުޑަ ފަރަގަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި މި ދެ ޕާޓީގެ ތާއީދު ހަމަހަމަކޮށް އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރުމަކީ، ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމުގެ ބަދަލުގައި، ކެންޑިޑޭޓުގެ ޤާބިލިއްޔަތަށް ބަލައި ވޯޓުދޭ މިންވަރު އިތުރުވަމުންދާކަމުގެ ހެއްކެކެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވަމުންދާ ކަމުގެ ރަނގަޅު ނިޝާނެކެވެ.
މި އިންތިޚާބުގެ ނަތީޖާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ރަށްފުށުގެ ދާއިރާތަކާއި ސިޓީތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުމެވެ. ސިޓީތައް ފިޔަވައި އެހެން ގިނަ ދާއިރާތަކަކުން ޕީއެންސީން ކުރި ހޯދާފައިވާއިރު، ސިޓީތަކުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވަނީ ވާދަވެރި އެމްޑީޕީންނެވެ. މިއީ ސަރުކާރަށް ލިބުނު ވަރުގަދަ މެސެޖެކެވެ.
ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ސަރުކާރުގެ ސިޔާސަތުތަކާމެދު އޮތް ހިތްހަމަނުޖެހުން މި ނަތީޖާއިން ވަރަށް ބޮޑަށް ސާފުވެއެވެ. ޚާއްޞަކޮށް ތަރުހީބު ބޮޑު ސަރަޙައްދުތަކުން ސަރުކާރު ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ، ސިޓީތަކުގެ ތަރައްޤީއާއި އިޖުތިމާޢީ މައްސަލަތަކަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރަންޖެހޭކަން އަންގައިދޭ ކަމެކެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބަކީ ކޮންމެ ސަރުކާރަކަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނުކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް އިޝާރާތްކުރެއްވި ފަދައިން، މި ނަތީޖާއިން ސަރުކާރުގެ ބައެއް ކަންކަން އިޞްލާޙުކުރަންޖެހޭކަން ވަނީ ހާމަވެފައެވެ. ސަރުކާރުގެ ނުފޫޒާއި ބާރު އޮތް ނަމަވެސް، ސިޓީތަކުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމަކީ ސަރުކާރުން މުރާޖަޢާކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ބުނެދޭ ކަމެކެވެ.
ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން މިވަނީ މި އިންތިޚާބުން ހާމަވެފައެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ހުރި ހުރަސްތަކާއި، ރައްޔިތުންނާ ހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަކީ ކުރިއަށް އޮތް ތަނުގައި ސަރުކާރަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތެވެ.
އަޅުގަނޑުގެ ޙިޔާލުގައި މި އިންތިޚާބުގެ ނަތީޖާއިން ދޭހަވަނީ ދިވެހި ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރެވެ. ހަމައެކަނި ސިޔާސީ ޕާޓީއަކަށް ބެލުމުގެ ބަދަލުގައި، ކަންކަން ކުރެވޭ މިންވަރަށާއި ރައްޔިތުންގެ އަޑު އަހާ މިންވަރަށް ބަލައިގެން ވޯޓުދޭން ރައްޔިތުން މިވަނީ ދަސްކޮށްފައެވެ. ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ނަތީޖާއިން ފިލާވަޅު ލިބިގަނެ، ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމެވެ.

