އިސްރާއީލާއި ލުބުނާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި 10 ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރުތު ސޯޝަލް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ޖީއެމްޓީ ގަޑިން މިރޭ 21:00 (އެމެރިކާ ގަޑިން ހަވީރު 5:00) ގައި ކަމަށެވެ. މި މުހިންމު ނިންމުމަށް އާދެވުނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައޫންއާ އެކު ކުރެވުނު ފުޅާ މަޝްވަރާތަކަށް ފަހުގައެވެ.
މި އެއްބަސްވުމާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ލުބުނާނުން އެންމެ ބޮޑަށް އެދެމުންދިޔަ ކަންތަކެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އަނބުރާ ރަށަށް ދެވޭނެ ކަމުގެ އުއްމީދު މި އެއްބަސްވުމާއެކު އައުވެގެން ގޮސްފައިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ލުބުނާނާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށީ، މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެކަމުގެ ރައްދުގައި މާރިޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށިއެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2,100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ލުބުނާނުގެ އާބާދީގެ 15 އިންސައްތަ މީހުންނަށް ވަނީ މަޖުބޫރުން ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގާއިމުވެ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

