މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ އަދި ޗިކުންގުންޔާފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި (ހާއްސަކޮށް އެޕްރީލް އިން ޖުލައި އަށް) އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިޓީ/ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން، ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.
ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމަށާއި، ބަލި މީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކޮށް، ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރ ކުރުމަށްފަހު އެޗް.ޕީ.އޭއަށް ޤަވާއިދުން ރިޕޯރޓް ކުރުމަށް ވަނީ އަންގާފައެވެ.
އަދި ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލައި ރަށް ސާފުކުރުމަށާއި، އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ސްކޫލްތަކުން ކޮންމެ ހަފުތާއަކު 1 ފަހަރު ސްކޫލުގެ ގޯތިތެރެ ބަލައި ފާސްކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ވއިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ، ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓު އަދި އިންޑަސްޓްރިއަލް ރަށްތަކުން ހަފުތާއަކު 1 ފަހަރު ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި، ތަކެތި ނައްތާލައި ސާފުކުރުމަށް އެދިފައެވެ. އަދި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންވެސް މަދިރި އުފެދޭ ތަންތަން ނައްތާލައި، މިމަސައްކަތް ކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އާންމު ފަރުދުންވެސް މަދުވެގެން ހަފުތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފަސްކޮށް، މަދިރި އާލާނުވާނެ ގޮތަށް ސާފުކޮށް، މަދިރި ހެފުމުން ރައްކާތެރިވުމުގެ އިތުރުން ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމާއި، ޑެންގީ ޖެހިއްޖެނަމަ ޞިއްޙީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށްވާތީ މިކަން ކަމަށް އިތުރަށް ސަމާލުވުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

