އިސްލާމީ އުޞޫލުތަކުގެ މަތީގައި ބިނާވެފައިވާ ޒަކާތުގެ ނިޒާމަކީ މުޖުތަމަޢެއްގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް އޮތް އެންމެ ފުރިހަމަ މަގުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު“ މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައި ބުނީ، މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނޫން ކަމަށެވެ. އެއީ މާތް ﷲ ފަރުޟުކުރައްވާފައިވާ އިސްލާމްދީނުގެ ރުކުނެއް ކަމަށާއި، އެއީ ޢަދުލުވެރިކަމާއި އިންޞާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއްކަން ހުތުބާގައި ފާހަގަކުރި އވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި ކީރިތި ޤުރްއާނުގެ 28 އާޔަތެއްގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ ވަނީ ގެންނަވާފައެވެ. ނަމާދަކީ އަޅާއާއި ޚާލިޤާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ މާތް ﷲ ގެ މަޚްލޫޤުންނާ އަޅާ ގުޅުވައިދޭ މުހިންމު ވަސީލަތެއްކަމަށް ހުތުބާގައި ވެއެވެ.
މުދަލުން ޒަކާތް އަދާނުކުރާ ނަމަ، އީމާންކަން ފުރިހަމަނުވާނެކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ޒަމާނީ ސަރުކާރުތަކުން އިޖުތިމާޢީ ރައްކާތެރިކަމަށް ބިލިއަން ފައިސާ ހޭދަކުރާއިރު، މީގެ 1400 އަހަރު ކުރިން އިސްލާމްދީން ވަނީ މިއަށްވުރެ ފުރިހަމަ ޝާމިލު ނިޒާމެއް ތަޢާރަފްކޮށްފައި ކަމަށެވެ.
ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ މުދަލުގެ އެންމެ 2.5 އިންސައްތަކަމަށާއި، މިއީ އެތައް މިލިއަން އިންސާނުން ފަޤީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މީގެ އިތުރުން، ޒަކާތުގެ ސަބަބުން މުދާ ވަކި ބައެއްގެ އަތުގައި ހިފެހެއްޓުމުގެ ބަދަލުގައި، މުޅި މުޖުތަމަޢުގައި ތަނަވަސްކަން ދައުރުވާކަން ބަޔާންކުރިއެވެ.
މިކަމުގެ އަމަލީ ނަތީޖާއަށް ބަލާއިރު، 2024 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންޑޮނޭޝިއާގައި އެންމެ އަހަރަކުން 1.35 މިލިއަން މީހުން ވަނީ ފަޤީރުކަމުން ސަލާމަތްވެފައެވެ. އަދި މެލޭޝިއާގައި ޒަކާތުގެ އެހީގައި ކިޔަވައި ނުވަތަ ވިޔަފާރި ފަށާ ފަރާތްތައް، މަދު އަހަރުތަކެއްގެ ތެރޭގައި ޒަކާތް ދޭ މީހުންނަށް ބަދަލުވާކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
ޚުޠުބާގައި ބުނީ، މުސްލިމް އުންމަތުގެ ފަޤީރުކަމަކީ ވަސީލަތްތައް ނެތުމާ ގުޅޭ މައްސަލައެއް ނޫންކަމަށާއި، އެއީ ޒަކާތް އަދާނުކުރުމާ ގުޅޭ މައްސަލައެއް ކަމަށެވެ. އަދި ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް ކަމަށްވާއިރު، ދިރިއުޅުމުގެ މަޝްޣޫލުކަމުގެ ތެރޭގައި ޒަކާތް ދެއްކުން ފަސްނުކުރުމަށާއި، ލަސްނުކޮށް ޒަކާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

