މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމަށް ގެނެސްފައިނުވާ ފަދަ ހަރުދަނާ ސިޔާސަތެއް މި ސަރުކާރުން ގެނެސްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ހާއްސަކޮށް ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، ބޭންކް ފައިނޭންސްގެ ތެރެއިން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ކާމިޔާބުކުރުމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކަކީ ”މެގަ ޕްރޮޖެކްޓް“ ތަކުގެ ނަމުގައި ހިންގި ނަމަވެސް، އޭގެ ތެރޭގައި ގިނަ ކޮރަޕްޝަންތަކެއް ހިމެނި، ކަންކުރެވެން އޮންނަ އަގަށް ވުރެ ބޮޑުއަގުގައި ނުސީދާ މުއާމަލާތްތަކެއްގެ ތެރެއިން ހިންގާފައިވާ މަޝްރޫއުތައްކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނިތަކެއް އެޅިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް، މިހާރު ބީއެމްއެލް ބޯހިޔާވަހިކަމުގެ މާކެޓަށް ނުކުތުމުން، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކޮންމެ ބަޔަކު ކުރި ކަމުގައިވީ ނަމަވެސް، އޭގެ ހެޔޮ ފައިދާ ފެންނާނެ ކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ ސަބަބަކީ ބޭރުގެ ގައުމުތަކުން ލޯނު ނަގައިގެން އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި، ގައުމުގެ އިގްތިސާދުގެ ތެރެއިން އިންގިލާބީ ބަދަލެއް އަންނާނެކަމަށް ގަބޫލު ކުރެވުންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 4،000 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ނެގި ލޯނުގެ ސަބަބުން ގައުމު ދަރާފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މި ސަރުކާރުން ބީއެމްއެލްއާ ގުޅިގެން މާލީ ނިޒާމުގެ ތެރެއިން ގެނައި ބަދަލުގެ ސަބަބުން، ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކިތަންމެ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކުރި ނަމަވެސް، މި ސަރުކާރުން ދެމެހެއްޓެނިވި ސިޔާސަތެއްގެ ދަށުން ރޭވުންތެރިކަމާއެކު ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދާކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ފަރާތްތަކުން ކިތަންމެ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒު ކުރިކަމުގައި ވީނަމަވެސް މިސަރުކާރުން ދެމެހެއްޓެނިވި ސިޔާސަތެއްގެ ދަށުން ރޭވުންތެރިކަމާއިއެކު ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދޭ،
އެގޮތުން ބިންގާތައް އެޅި، ކޮންޓްރެކްޓަރުންނާ މަޝްރޫއުތައް ހަވާލުކުރެވެމުންދާ ދިއުމަކީ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް އަވަސް މުސްތަގުބަލެއްގައި ފެންނާނެ ކަމުގެ ނިޝާނެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް، ހާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށާއި، ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ހަރުދަނާ ނަތީޖާތަކެއް ފެންނާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

