އިދިކޮޅު އެމްޑީޕީން މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރި އެއްވެސް މަސައްކަތެއް ނެތްކަމަށާއި، އިދިކޮޅުގައި އޮވެ މިހާރު މަސައްކަތް ކުރަމުން ދަނީ މާލޭގެ ރައްޔިތުންނަށް އޮޅުވާލައި، އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ބައެއްކަން ދެއްކުމަށްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އައިފާން ވިދާޅުވީ، އެމްޑީޕީން ބިމާބެހޭ ގާނޫނަށް ތަކުރާރުކޮށް އެކި އިސްލާހު ހުށަހަޅަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މާލޭ ރައްޔިތުން ”ގުނބޯ ހައްދާ“، އޮޅުވާލުންތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޮޑު ”ލަނޑެއް“ ދިނުމަށްފަހު ވެރިކަމުން ފައިބައިގެން ގޮސްފައިވާ ވިދާޅުވި އެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި އޮޅުވާލުންތަކެއް އޮޅުވާލައި، ”ކަނޑާއި ފަޅުން“ ގޯތި ދީފައިވާކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އިރުއިރުކޮޅާ ބިމާ ބެހޭ ގާނޫނަށް އިސްލާހުތައް ހުށަހަޅަމުންދާއިރު، ނިމިދިޔަ މަޖިލީހުގައި އެމްޑީޕީން އަވަސްއަރުވާލައިގެން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ މަންޒަރު ފެނިފައިވާ ކަމަށެވެ. ހާއްސަކޮށް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ވޯޓު ހޯދުމުގެ ނަމުގައި މާލޭ ރައްޔިތުންނަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.
ކަނޑުންނާއި ފަޅުން ގޯތިތަކެއް ދިން މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ހަގީގަތަކީ އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް، ވަކިން ހާއްސަކޮށް މާލޭ ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތް ކުރި ބައެއް ނޫން
އައިފާން ވިދާޅުވީ ހުޅުމާލޭ ފޭސް 3 އާއި، ގުޅީފަޅު އަދި ގިރާވަރުފަޅުން އެއްވެސް ޕްލޭނެއް ނެތި ގޯތި ދޫކުރީ ”ކަނޑު މެދުން“ ކަމަށާއި، އެއީ ރައްޔިތުންނަށް ދެއްކި އަވާމެންދުރެއް ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ހުވަފެންތަކުގައި ކުލަޖައްސައިދީ، ހަގީގީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އައިފާން ވިދާޅުވީ ޕީއެންސީގެ ސަރުކާރެއްގައި އެ ގޯތިތައް އަތުލާނެކަމަށް ބުނެ އެމްޑީޕީން ފެތުރި ވާހަކަތަކަކީ ދޮގުކަން މިއަދު ސާބިތުވާ ކަމަށެވެ. އެގޮތުން، ހުޅުމާލޭ ފޭސް 3 ގެ ގާތްގަނޑަކަށް 10 މީޓަރު ފުން ސަރަހައްދުތައް ހިއްކައި، ތިން ބުރީގެ އިމާރާތެއްގެ އުސްމިނަށް ވެލިއަޅައިގެން ބިން ތައްޔާރުކޮށް، މިހާރު ގޯތިތަކުގެ ރަޖިސްޓަރީ ހަވާލުކުރަން ފަށާފައިވާކަން އައިފާން ފާހަގަކުރެއްވިއެވެ
މެމްބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ގެންދަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އަމަލީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާރުވެސް އެކި ބޯހިޔާވަހިކަމުގެ ސްކީމްތައް ހުޅުވާލާފައިވާކަމަށް ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަދަށް އޮތް އެންމެ ބޮޑު އުންމީދަކީ މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުކަން އައިފާން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ރަސްމާލޭގެ ޕްރޮޖެކްޓް ނިމުމާއިއެކު، މާލެއާއި މުޅި ރާއްޖޭގައި ބޯހިޔާވަހިކަމަށް ޖެހިފައި ތިބި ފަރާތްތަކަށް ދިމާވެފައިވާ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

