ނިމިދިޔަ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ކާމިޔާބު ކުރީ، ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ނުކޮށް އެއްވެސް ބަޔަކަށް އެ ފައިސާ ނުބަހައިކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
މި މަހުގެ 04 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިފެރެންޑަމް ވޯޓު ސަރުކާރަށް ވަނީ ނާކާމިޔާބުވެފަ އެވެ. އިންތިހާބުގައި ބޮޑެތި ސަރަހައްދުތަކުން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާއިރު ސިޓީތަކުގެ މޭޔަރުކަމުގެ ގޮނޑިއާއި، ޑަބްލިއުޑީސީ ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އަދި އައްޑޫ، މާލެ، ފުވައްމުލައް ސިޓީން ޕީއެންސީއަށް ދެ ގޮނޑިއަށް ވުރެ ގިނައިން ކާމިޔާބު ކުރެވިފައި ނުވެ އެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން 60 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ބުނެ އެކަމާއި ގުޅޭގޮތުން މަޖިލީހުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ. ފަލާހަށް ރައްދު ދެއްވައި ނާޒިލް ވިދާޅުވީ އެމްޑީޕީން އިންތިހާބާ ދިމާކޮށް އެންމެ ލޯލާރިއެއް ވެސް ބަހާފައި ނުވާނެ ކަމަށެވެ. އަދި ޕީއެންސީގެ ޕީޖީ ލީޑަރު ދައްކަވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީން ބެހި ފައިސާގެ އަދަދު އިންތިހާއަށް ގިނައިރު އޭގެއިން ނަތީޖާއެއް ނުނިކުތުމުން، އެމްޑީޕީގެ ބޮލުގައި އިލްޒާމް އަޅުވަން ސަރުކާރު މެމްބަރުން މަސައްކަތް ކުރަނީ ކަމަށެވެ.
އެމްޑީޕީން އެންމެ ލޯލާރިއެއް ވެސް ބަހާފައެއް ނޯންނާނެ.. ކެންޑިޑޭޓުން އަމިއްލައަށް އިލެކްޝަނަށް ދައްކަންޖެހުނު ފައިސާކޮޅު ވެސް ދައްކަންޖެހުނީ..
އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް އިހުމާލުވެ، ރާއްޖޭގެ އިގްތިސާދަށް ގެއްލުންދިންކަމަށް ބުނެ ކުރި ތުހުމަތުތަކަށް ނާޒިލް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާއަކީ އޭރު ކޯލްޑް ސްޓޯރޭޖްތަކުގައި ހުރި މަސް ވިއްކައިގެން ލިބުނު ފައިސާ ކަމަށެވެ.
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ފާޑުވިދާޅުވަމުން ނާޒިލް ވަނީ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތްތަކާއި ބެހޭގޮތުން ވެސް ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ ބޭންކެއް އުފެއްދި ނަމަވެސް އެތަނުގެ ދޮރުވެސް ހުޅުވިފައިނުވާ ކަމަށާއި، ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
ވެރިކަމަށް ދެ އަހަރާއި ބައި ވަމުންދާއިރު ރައްޔިތުންނަށް ކަމެއް ކޮށްނުދެވޭކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، އިންތިހާބުތަކުން އެއްލަކައަށް ވުރެ ގިނަ ރައްޔިތުން ސަރުކާރަށް ”ނޫނެކޭ“ ބުނެފައިވާ ކަމަށެވެ.
ނާޒިލް ވިދާޅުވީ ދައުރެއްގެ މެދުތެރެއިން ބޮޑު އިންތިހާބެއް ގެއްލުމުން ވެސް ސަރުކާރުން މަސައްކަތް ކުރަނީ، އެއީ ކާމިޔާބީއެއްކަމަށް ދައްކަން ކަމަށެވެ. ހަގީގީ މަންޒަރު ގަބޫލު ކުރުމަށް ގޮވާލައި ނާޒިލް ވިދާޅުވީ ރައްޔިތުންގެ ރުހުމެއް ނެތް ސަރުކާރަކަށް ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

