ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު ވަނީ ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދެ އިންތިޚާބުގެ އިތުރުބުރުގައި ބެހެއްޓިފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުލުން މިހާރު ފެށިގެން އަމާންކަމާއެކު ކުރިއަށްދާ ކަމަށެވެ. މި ބުރުގައި ޖުމްލަ ފަސް ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދެއެވެ. އޭގެ ތެރޭގައި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި ހިމެނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ބަލާއިރު، ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދެއެވެ. މި އިންތިޚާބަށްޓަކައި ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮއްޓެވެ. މީގެ އިތުރުން މާލޭގައިވެސް ވޯޓު ފޮށިތައް ވަނީ ބަހައްޓާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި ބުރުގައި ޖުމްލަ 6,093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެންމެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ކެލާ ދާއިރާއިންނެވެ. އެއީ 1,729 މީހުންނެވެ. މާވަށުން 1,556 މީހުންނަށް، ފުވައްމުލަކު ދަނޑިމަގު ދާއިރާއިން 1,311 މީހުންނަށް، ނޭކުރެންދޫއިން 1,056 މީހުންނަށް އަދި ދޮންފަނުން 441 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
\nއިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ވޯޓުލާ ނިމުމުން މިއަދު ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 19 ވާ ހުކުރު ދުވަހުއެވެ.

