ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމުގެ ގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ޕީސީބީގެ ރައީސް މުޙައްމަދު އަނަސްއަށް ފޮނުއްވި ސިޓީއެއްގައެވެ. މި ސިޓީގައިވާ ގޮތުން، މި ފިޔަވަޅަކީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
މުވައްޒަފުން މަދުކުރުމުގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ ”މެރިޓް ބޭސްޑް ޕޮލިސީ“ އަށް އަމަލުކުރުމަށްވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.
މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ. މިގޮތުން، ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމަށާއި، އެކަމުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން ހިއްސާކުރުމަށް ޕީސީބީ އަށް ވަނީ އަމުރުކޮށްފައެވެ.
މި އައު އިރުޝާދުތަކަކީ މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް މީގެ ކުރިން ޕީސީބީން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ބަދަލުތަކެކެވެ.
މީގެ ކުރިންވެސް ވަނީ މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުމަށް އަންގާފައެވެ.

