ދުނިޔޭގެ ބާރުތަކުގެ ތަރުތީބަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ، އަދި ސަރަޙައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިންޑިއާ މިވަނީ ތާރީޚީ ގޮތުން މުހިންމު ހުރަަހެއްގެ މަތީގައެވެ. މިއީ ހަމައެކަނި އެ ޤައުމުގެ ކުރިމަގު ބައްޓަންކުރާނެ ވަގުތެއް ނޫނެވެ. މިއީ މުޅި އޭޝިއާ ބައްރުގެ އިތުރުން ދުނިޔޭގެ މަސްރަޙުގައި އިންޑިއާ އަދާކުރާނެ ދައުރު ކަނޑައެޅިގެންދާނެ ވަގުތެވެ. މިއަދު އިންޑިއާ ފެންނަނީ ހަމައެކަނި އަމިއްލަ މަޞްލަޙަތު ހިމާޔަތްކުރާ ޤައުމެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އެހެން ޤައުމުތަކަށް ނުކުރެވޭ ފަދަ ޚާރިޖީ މުޢާމަލާތްތައް ހިންގުމުގެ ޤާބިލުކަން ހުރި، ”ޙަޟާރީ ބާރެއްގެ“ (civilizational power) ގޮތުގައެވެ.
އިންޑިއާ ކަނޑުގެ އިސްތިރާތީޖީ ފެންގަނޑުން ފެށިގެން ދުނިޔޭގެ ޑިޕްލޮމަސީގެ މައިދާންތަކާ ހަމައަށް، އިންޑިއާގެ ނުފޫޒު ދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. އެ ޤައުމު އޮތް ސަރަޙައްދާއި، އިޤްތިޞާދީ ކުރިއެރުމާއި، އަދި މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ސަބަބުން، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އިންޑިއާއަށް ވަނީ ޚާއްޞަ މަޤާމެއް ލިބިފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ވާދަވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދުނިޔެ މިއަދު އިންޑިއާގެ އަޑަށް ދޭ ސަމާލުކަން ވަނީ އިތުރުވެފައެވެ.
ހުޅަނގުގެ ބޮޑެތި ބާރުތަކާ ޚިލާފަށް، އިންޑިއާއަކީ އެކި ފިކުރުތަކުގެ ޤައުމުތަކާ ގުޅުން ބާއްވާ ޤައުމެކެވެ. އެމެރިކާއާއި ރަޝިޔާއާ އެކު އެއްވަރަކަށް ގުޅުން ބޭއްވުމާއި، އީރާނާ އެކު ވިޔަފާރީގެ ގުޅުން ދެމެހެއްޓުމާއި، އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކާ އެކު އޮންނަ ބައިވެރިވުން ވަރުގަދަކުރުމަކީ އިންޑިއާގެ ޚާރިޖީ ކާމިޔާބީއެކެވެ. މި ހަމަހަމަކަމުގެ ސަބަބުން އިންޑިއާއަށް ވަނީ އެހެން ޤައުމުތަކުގެ އިތުބާރާއި އިޙްތިރާމް ލިބިފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒަޢާމަތުގައި އިންޑިއާއިން ދަނީ ”ވިޝްވާ ގުރޫ“ ނުވަތަ މުޅި ދުނިޔެއަށް މަގުދައްކައިދޭ މުދައްރިސެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. ޖީ-20 ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އިސް ދައުރެއް އަދާކުރުމާއި، ”ވެކްސިން މައިތުރީ“ ފަދަ މަޝްރޫޢުތަކުގެ އެހީގައި އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މީގެ ހެކިތަކެވެ.
ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިއީ އިންޑިއާއަށް ލިބިފައިވާ ”ފުރުޞަތުގެ ހަނި މަގެކެވެ“. ދުނިޔޭގެ ކުރީގެ ބާރުތަކަށް އެތެރޭގެ މައްސަލަތަކާއި އިތުބާރުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، އިންޑިއާއަށް އޮތީ މެދުވެރިއެއްގެ ދައުރު އަދާކޮށް، ބައިބައިވެފައިވާ ދުނިޔެ ގުޅުވައިދިނުމުގެ ފުރުޞަތެވެ. ޚާއްޞަކޮށް، އިތުބާރު ކުޑަވެފައިވާ ހަމަނުޖެހުން ބޮޑު ސަރަޙައްދުތަކުގައި މަޝްވަރާގެ މަގު ފަހިކޮށްދިނުމުގެ ޤާބިލުކަން އިންޑިއާގެ ކިބައިގައި އެބަހުއްޓެވެ.
އެހެންނަމަވެސް، މި ދަތުރުގައި ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެތެރޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމާއި، ޗައިނާއާ އެކު އޮތް ބޯޑަރުގެ މައްސަލަތަކާއި، އަދި ހުޅަނގުގެ ބައިވެރިންނާއި ސަރަޙައްދީ ބައިވެރިންގެ އުންމީދުތައް މެނޭޖްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ހުރިހާ ކަމެއްގެ މެދުގައި އަމިއްލަ މިނިވަން ސިޔާސަތު ދެމެހެއްޓުމަށްޓަކައި ވަރަށް ވިސްނުންތެރި އިސްތިރާތީޖީ ނިންމުންތަކެއް ބޭނުންވާނެއެވެ.
ކޮންމެއަކަސް، އިންޑިއާގެ އޮތް ފުރުޞަތަކީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ދުނިޔެއަށް ސާބިތު ލީޑަރެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާގެ ތާރީޚީ ތަރުކާލާއި، ޑިމޮކްރެޓިކް ހަމަތަކާއި، އަދި ޢަމަލީ ޑިޕްލޮމަސީގެ ސަބަބުން އެ ޤައުމަށް ވަނީ ތަފާތު މަޤާމެއް ލިބިފައެވެ. މިހާރު އުފެދޭ ސުވާލަކީ އިންޑިއާއަށް ލީޑަރަކަށް ވެވިދާނެތޯއެއް ނޫނެވެ. ސުވާލަކީ ލިބިފައިވާ މި ރަން ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް އިންޑިއާއިން ހިފާނެތޯއެވެ؟

