ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއާޒު ހަލީމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕީއެންސީގެ އެސްޖީކަމުން އިސްތިއުފާ ދެއްވިއިރު، މުއާޒަކީމިނިސްޓްރީ އޮފް ޑިފެންސްގެ ސްޓޭޓް މިނިސްޓަރެކެވެ.
މުއާޒު މި މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ މަސައްކަތްތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެއްބާރުލުން ދެއްވުމުގެ ގޮތުންކަމަށް ބުނެ އެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ، ޕީއެންސީއަކީ ފުރިހަމަ ނަތީޖާ ހާސިލުކުރާ ހިންގުން ހަރުދަނާ ޕާޓީއަކަށް ހެދުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތަކަށް ޖާގަ ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެސްޖީގެ މަގާމަށް އޭނާއަށް ވުރެ ބޮޑަށް ވަގުތު ދެވޭނެ ބޭފުޅަކު އައުމަކީ ޕާޓީގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރެވޭތީ މިއަދުން ފެށިގެން މަގާމުން ވަކިވުމަށް ނިންމީކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޕީއެންސީގެ އެސްޖީގެ މަގާމު ފުރުއްވަމުން ގެންދެވީ މުއާޒެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ބޮޑެތި ބަދަލުތަކެއް މިފަހުން ވަނީ ގެނެސްފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ސަރުކާރުގެ 10 މިނިސްޓަރަކު ވަނީ މިފަދަ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ކުއްލިގޮތަކަށް މި ބަދަލުތައް ގެނެސްފައި ވަނީ، މި މަހުގެ 04 ގައި ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު އެވެ.
މީގެއިތުރުން ސަރުކާރުން ހުށަހަޅައިގެން ފާސްކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ނެގި ރިފެރެންޑަމ ވޯޓުގައި ސަރުކާރަށް ކާމިޔާބީއެއް ނުލިބުނެވެ.

