ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ކުއްލިއަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމުން ރައްޔިތުންނަށް ދޭހަވަނީ ވެރިކަމުގެ ނިޒާމު ރަސްކަމުގެ ނިޒާމަކަށް ބަދަލުކުރުމަށް އުޅޭކަން: ދީދީ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލި ކުއްލިއަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމުން ރައްޔިތުންނަށް ދޭހަވަނީ ވެރިކަމުގެ ނިޒާމު ރަސްކަމުގެ ނިޒާމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޙަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދީދީ ވިދާޅުވީ، މިފަދަ އަމަލުތަކުން ފެންނަނީ ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ހޯދައިގެން ހުދުމުޚްތާރު ވެރިކަމެއްގެ ސިފަ އިންތިހާއަށް ބޮޑުވަމުންދާ މަންޒަރު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ އެކު ނެގި ރިފަރަންޑަމް ވޯޓަކީ ރައީސް މުއިއްޒު އަމިއްލައަށް އިސްނަންގަވައިގެން ކުރެއްވި ކަމެއްކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ، މިއީ ޕީއެންސީ ތެރޭގައި ވެސް އެކަށީގެންވާ ވަރަށް މަޝްވަރާ ކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި މިފަދަ ވޯޓެއް ނަގަންވާނީ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ދިނުމަށްފަހު ވަކި ވޯޓެއްގެ ގޮތުގައި ކަމަށް ވިދާޅުވި ނަމަވެސް، ރައީސް ބޭނުންފުޅުވި ގޮތަށް އެކަން ކުރިއަށް ގެންދެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ދީދީ ވިދާޅުވީ، އެއީ ވެސް 24 ގަޑިއިރުގެ ތެރޭގައި އެންމެ ހަތަރު ފޮޅުވަތަކުން މަޖިލީހަށް ފޮނުއްވައިގެން ރައްޔިތުންގެ ގާތުން އެއްވެސް އެއްޗެއް ނާހާ ކުރެއްވި ކަމެއް ކަމަށެވެ.

 ”ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗެއް ނޫން، އެއީ ރައްޔިތުންގެ ބުރަ މަސައްކަތުން ގެނެސްފައިވާ ބަދަލެއް،“ ދީދީ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ފަސް ސިޓީން ވެސް ފެނިގެން ދިޔައީ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި މަންޒަރު ކަމަށް ދީދީ ވިދާޅުވިއެވެ. ރައީސް ކެމްޕެއިނަށް ރަށްރަށަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، މާލޭގައި ވެސް ޑޯޓުޑޯ ހަރަކާތްތަކާއި އެކި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދެވި މަންޒަރު ފެނުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދީދީ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ 70 އިންސައްތަ ސަރުކާރުގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޮނޑުގައި ރައްޔިތުން އެޅުވި ވަރަށް ބޮޑު ޒިންމާއެކެވެ. މީގެ މާނައަކީ މި ސަރުކާރަކީ ރައްޔިތުން ގަބޫލުނުކުރާ އެތައް ކަމެއް ހުރި ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، ހުރިހާ ބާރުތަކެއް ވަނީ ރައީސްގެ މުށުތެރޭގައި ކަމަށާއި، ރައްޔިތުންގެ މަޖިލީސް އޮތީ ބޮޑުތަޅު އަޅުވާފައި ކަމަށެވެ. އަދި ޖުޑީޝަރީއާއި މިނިވަން މުއައްސަސާތައް ވެސް ވަނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން، އިދިކޮޅު މެންބަރުންނަށް ނުފޫޒު ފޯރުވައި، އިންތިހާބުތަކުގައި ކުރިމަތިލުމުގެ ފުރުސަތު ވެސް ހަނިކުރަމުންދާ ކަމަށް ދީދީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: