ސަރުކާރުގެ މުވައްޒަފުން މަދުކުރަންޖެހޭނީ ސާފު، ދެފުށް ފެންނަ އުސޫލެއްގެ މަތިން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ، ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޒިޔާދު މުވައްޒަފުން ވަކިކުރަންވާނީ ވެސް ވަކި އުސޫލަކާއި ހަމައެއްގެ ތެރެއިން ކަމަށެވެ. ޒިޔާދު ވިދާޅުވީ ސިޔާސީ ގޮތުން އައްޔަނު ކުރާ މުވައްޒަފުން އެއް އަހަރު ދުވަހުގެ ބުރަ މަސައްކަތުން އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ، ސިޔާސީ މުވައްޒަފުން އެއް މަސްދުވަހުގެ ތެރޭގައި ނަގާ ކަމަށެވެ. މި ސަރުކާރުން މުވައްޒަފުން މަދުކުރާ ވާހަކަ ދައްކާއިރު، މިފަދަ ކަންކަމަށް ވިސްނުން މުހިންމުކަމަށް ޒިޔާދު ވިދާޅުވިއެވެ.
ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުން މަދުކުރި ނަމަވެސް ނުވަތަ ބަދަލުކުރި ނަމަވެސް، އަމަލީ ގޮތުން ނަތީޖާއެއް ނުފެންނަހާ ހިނދަކު އިތުބާރެއް ނުކުރެވޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ފަދަ އުންމީދީ ބަދަލެއް ގެނެވިއްޖެ ކަމަށް ގަބޫލުކުރެވޭނީ އެފަދަ ބަދަލެއް ފެނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒިޔާދު މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޒީފާ ދިނުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށްކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ޒިޔާދު ވިދާޅުވީ، ތައުލީމީ ސަނަދަށް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ބައެއް އިދާރާތަކުގައި އެއްވެސް ވަރަކަށް ތައުލީމީ ސަނަދަށް ބެލުމެއް ނެތި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި މުވައްޒަފުން އައްޔަނުކޮށްފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، މުވައްޒަފުން ވަކިކުރުމުގައި ވެސް ކުރިން ވަޒީފާގައި ތިބި މީހުން އެއްވެސް ހަމައެއްލަމައެއް ނެތި ވަކިކުރަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އެފަދަ ކަންކަން ކުރުން ރަނގަޅު ކަމަށާއި، ނަމަވެސް މި ސަރުކާރުން އެގޮތަށް އަމަލުކުރާ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް މެންބަރު ވިދާޅުވިއެވެ. ސަރުކާރުން އަދިވެސް މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުން ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ނިޔަތުގައި ކައުންސިލަރުން ފަސް ބޭފުޅުންނުން ތިން ބޭފުޅުންނަށް މަދުކޮށްފައި، އޭގެ ބަދަލުގައި ރާއްޖޭގެ އެކި ރަށްތަކުން 20 ވަޒީފާ ދީފައިވާނެ ކަމަށް ޗެލެންޖާއެކު މެންބަރު ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން، މިއީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރި ކަމެއް ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވެ، މެންބަރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ނިޔަތުގައި ކައުންސިލަރުން ފަހަކުން ތިނަކަށް މަދުކޮށްފައި، އޭގެ ބަދަލުގައި 20 ވަޒީފާ ރާއްޖޭގެ އެކި ރަށްތަކުން ދީފައިވާނެ ކަމަށް ޗެލެންޖާއެކު މި ބުނަނީ
މަޖިލީހުގެ ތެރޭގައި ވެސް ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމަށް ބިރުވެރިކަން އޮތް ކަމަށް ޒިޔާދު ތުހުމަތު ކުރެއްވިއެވެ. ވަޒީފާއަށާއި އެހެނިހެން ކަންކަމަށް އޮންނަ ބިރު ބޮޑުކަމުން ވާހަކަދައްކާނެ މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސައިޒާއި ޚަރަދުތައް ކުޑަކޮށް، މީހުން އައްޔަނުކުރުމުގައި މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެކަންކަމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޚާއްޞަކޮށް ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން އައްޔަނުކުރާ މަގާމުތައް ހުރެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަން ފާހަގަކުރެވެއެވެ.

