ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި، ޒާހިރު ވަނީ ދިވެހިރާއްޖެ ހަމައަކަށް އެޅުވުމަށް ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިފަދަ ބަދަލުތަކެއް ގެނެވިގެން ނޫނީ އުނދަގޫ ވާނެފަދަ ބައެއް ކަންކަން ވެސް ޤާނޫނުއަސާސީގައި ހުރިކަމަށް މެންބަރު ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފަހައްޓައި ކެޕް ކުރަން ޖެހޭކަމަށް ޒާހިރު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކުގެ ޕާލިމަންޓްރީ މެންބަރުންގެ އަދަދަށް ބަލާއިރު، ރާއްޖޭގެ ޕާލިމަންޓުގައި މެންބަރުންގެ އަދަދު ނިސްބަތުން ގިނަކަން މެންބަރު ފާހަގަކުރެއްވިއެވެ.
މީގެ ސަބަބުތަކެއްގެ ގޮތުގައި ޒާހިރު ވިދާޅުވީ، މިކަން މިހެން ވަނީ އިޤްތިސާދީ ގޮތުންނާއި، ރާއްޖެ އުފެދިފައިވާ ގޮތުންނާއި، ރާއްޖޭގެ އާބާދީ ބެހިފައި އޮތް ގޮތުން ކަމަށެވެ.
އެހެންނަމަވެސް މިހާރު ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ ފަސްހާސް މީހަކަށް ތަމްސީލު ކުރަނީ އެއް މެމްބަރުކަމަށް ޒާހިރު ވިދާޅުވިއެވެ. މިއަދަދު އިތުރުކޮށްގެން ނަމަވެސް މެންބަރުންގެ އަދަދު ކެޕްކުރަންޖެހޭކަމަށް ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ މިބަދަލު ކައިރި މުސްތަޤްބަލެއްގައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭކަމަށެވެ.
ޤާނޫނުއަސާސީގައި ބުނާގޮތުން ކޮންމެ 5000 މީހުންގެ އާބާދީއަކަށް މަޖިލީސް ތަމްސީލުކުރައްވާ މެންބަރެއް އިންތިޚާބު ކުރަންޖެހެއެވެ. އެހެންނަމަވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ އާބާދީއާއެކު ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އައު ޤާނޫނުއަސާސީގެ ދަށުން ވޭތުވެދިޔަ ތަނުގައި އިންތިހާބުކުރި ކޮންމެ މަޖިލީހެއްގައި އިދާރީ ދާއިރާތައްވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި 77 މެންބަރުން، 2014 ވަނަ އަހަރު 85 މެންބަރުން، އަދި 2019 ވަނަ އަހަރު އޮތް 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު، މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން އިންތިހާބުކޮށްފަ އެވެ. އަދި 21 ވަނަ މަޖިލީހުގައި އެ އަދަދަށް އަނެއްކާވެސް 3 ގޮނޑި އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

