ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޖުތަމައުގައި ހިނގަމުންދާ ހިތާމަވެރި ޙާދިސާތަކާ މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތަކަށް ވީހިނދު، މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ހާއްސަކޮށް މީސްމީޑިއާގައި ފަތުރާ ހަބަރުތަކާއި މަޢުލޫމާތުތަކުގެ ސަބަބުން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރާނެތީ، ހަގީގަތާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުފެތުރުމަށް އާންމުންނަށާއި މީޑިއާތަކަށް މިނިސްޓްރީން ވަނީ ބާރުއަޅާފައެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި، އަނެކާގެ ވާހަކަ ކަނުލާ އަޑުއަހައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރި އެވެ.
ޤައުމެއްގެ ޙައިސިއްޔަތުން، އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޝާމިލު ޒިންމާއެއް. ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުއްވާ
މިނިސްޓްރީން ވަނީ ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތްތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 އިފްތިތާޙުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ބަޔާނުގައި ބުނީ މި ނަންބަރު މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ނަފްސާނީ ބަލިތަކަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މުޖުތަމަޢަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާނެކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

