”ޓެކްސީ ނަފާ“ ލޯނު ސްކީމްގެ ދަށުން ކާރު ނަގާފައިވާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ކަންބޮޑުވުންތައް ބަލައި، އެކަންކަމަށް އެންމެ އަވަސް ހައްލެއް ހޯދައިދޭނެކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ އާދަމް ސަލީމް ކިޔާ މީހަކު ”އެކްސް“ ގައި މިނިސްޓަރަށް އެޑްރެސްކޮށް އާންމު ކުރި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ. މި ސިޓީގައި ސަލީމް ވަނީ ޓެކްސީ ނަފާ ލޯނު ނަގާފައިވާ ޑްރައިވަރުންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކެއް ފާހަގަކޮށްފައެވެ.
އެގޮތުން، ލޯނުގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އާމްދަނީއެއް ލިބޭނެ ގޮތެއް ނެތި ލޯނު އަނބުރާ ދެއްކުމަށް އެސްޑީއެފްސީއިން ތަކުރާރުކޮށް އަންގަމުންދާކަމަށް ބުންޏެވެ. އަދި ކާރު ރަޖިސްޓަރީ ނުވަނީ ސަރުކާރުގެ އިދާރީ މައްސަލަތަކާ ހުރެކަމަށާއި، ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބި ލޯނު ދައްކަން ޖެހުމަކީ އިންސާފެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައައިގައި ސައީދު ވިދާޅުވީ، ލޯނު ނެގި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކެއް ހޯދުމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި، ރައްޔިތުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުންކަމަށް ސައީދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ސަލީމް ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ކާރު ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމާއި (މޮރެޓޯރިއަމް) ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކޮށްދިނުން ހިމެނެއެވެ.

