ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގާކުރުން: އަޅާނުލާ ދޫކޮށްލެވެން ނެތް ހިމޭން އުދާސްތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

”ހަނގާކުރުން“ ނުވަތަ ގަނާކުރުމޭ ބުނުމުން އަޅުގަނޑުމެންގެ ހިތަށް އަރަނީ ސްކޫލް މާހައުލުގައި ކުދިން އެކަކު އަނެކަކަށް ފުރައްސާރަކޮށް ސަމާސާކުރާ މަންޒަރެވެ. ނަމަވެސް، ހަގީގަތަކީ މިއީ މިއަށްވުރެ މާ ފުޅާދާއިރާއެއްގައި ހިނގަމުންދާ، އަދި މި ކުޑަކުޑަ ދިވެހިމުޖުތަމައުގައި ނުރައްކާތެރި މިންވަރަކަށް އަށަގަނެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމެވެ. ރާއްޖޭގައި މިއީ ހަމައެކަނި ކުޑަކުދިންނަށް އޮތް ނުރައްކަލެއް ކަމަށް ހީކުރިއަސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ކުރިމަތިވަމުންދާ، އަދި މީހާގެ މުޅި ދިރިއުޅުން އަބާއްޖަވެރި ކޮށްލާ ފަދަ ސީރިއަސް ކަމެކެވެ.

މި ކަމާއި ގުޅޭގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަންޒަރު ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. އެގޮތުން ޔުނިސެފް (UNICEF) އިން ރާއްޖޭގައި ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ކޮންމެ ހަތަރު ކުއްޖަކުން އެކަކީ ބުލީކުރުމުގެ ޝިކާރައަކަށްވާ ކުއްޖެކެވެ.  މިހެން ބުނުމުން އަދި މި ކަމުގެ ފުންމިން ރެޔަކާ ނުލާ ފާނެއެވެ. މިދައްކަނީ ހަމައެކަނި އަނގަބަހުން ކުރާ ފުރައްސާރައިގެ ވާހަކައެއްނޫނެވެ.

މީގެ ތެރޭގައި ޖިސްމާނީ އަނިޔާކުރުމާއި، ދިމާކުރުމާއި، އަދި މިހާރުގެ މުޖުތަމައުގައި އެންމެ އާންމު ސައިބަރ-ބުލީކުރުން ނުވަތަ މީސްމީޑިއާގެ މަންސަތަކުގައި ކުރާ ހަނގާ ހިމެނެއެވެ. މީގެ އިތުރުން ބުލީކުރެވޭ ކުދިންގެ ތެރެއިން 7 އިންސައްތަ ކުދިންނަށް ކޮށްޕާ، ތަޅާ، ނުވަތަ ތަނެއްގައި ބަންދުކޮށްގެން ޖިސްމާނީ އަނިޔާ ކުރާކަން ވެސް މިއީ ދިރާސާތަކުގެ އަލީގައި ފެންނަން ހުރި ކަންކަމެވެ. އަދި ދެބައިކުޅަ އެއްބައި ކުދިންނަށް މިފަދަ ކަންކަން ތަޖުރިބާކުރަން ޖެހިފައިވާއިރު، މިއީ މުޖުތަމައުގައި ”އާދައިގެ“ އަދި އަޅާނުލާ ދޫކޮށްލާފައިވާ ކަމެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމެއްކަން ހާމަވެއެވެ.

ހަނގާކުރުމުގެ މި ނޭއްގާނީ އަމަލަކީ ހަމައެކަނި ކުޑަކުދިންގެ މެދުގައި ހިނގާ މައްސަލައެއްގެ ގޮތުގައި ބަލައިގެން ފަރުޖެއްސޭކަށް ނެތެވެ. ބޮޑެތި މީހުންގެ މެދުގައި، ހާއްސަކޮށް ވަޒީފާ އަދާކުރާ މާހައުލުތަކުގައި އަދި އާންމުން އެކުވެ އުޅޭ ތަންތަނުގައި މިއީ ހިފެހެއްޓުމެއް ނެތް މިންވަރަށް އިތުރުވެފައިވާ މައްސަލައެކެވެ. މިކަމާއި ގުޅިގެން ވެސް އެތައް ދިރާސާތަކެއް ކުރެވިފައި ވާއިރު ފެންނަން އޮތް ހަގީގަތަކީ، އޮފީސް މާހައުލުގައި ކުރިމަތިވާ ބުލީކުރުމަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، މަސައްކަތުގެ ފެންވަރު ދަށްވެގެންދާ ކަމެއް ކަމެކެވެ. އެހެންނަމަވެސް، މުޖުތަމައުން ފާޑުކިޔާފާނެތީ ނުވަތަ ވަޒީފާއަށް އަސަރުކޮށްފާނެތީ ގިނަ މީހުނަށް ހަނު ހުރުމަށް މަޖުބޫރުވެއެވެ. ސަބަބަކީ މީހެއްގާތު ބުނާ ހިސާބުން ބުލީ ކުރާ ފަރާތަށް އެނގި އެކަންތައް ދެވަނަ ހަރުފަތަށް ގެންދާތީއެވެ. ބުނުމުގެ ސަބަބުން އެއްވެސް ހައްލެއް ނުލިބޭތީއެވެ. ގިނަ ފަހަރަށް މި ފަދަ ވާހަކަތައް ބުނާނެ މަދަދަުގާރެއް ގިނަ މީހުންގެ ނުހުރެއެވެ. އެހީތެރިވާނެ އިތުބާރު ހިފޭ އެކުވެރިއަކު މިއަދުގެ މި މުޖުތަމައުގައި ވަރަށް ވެސް މަދެވެ.

ބުލީގެ ޝިކާރައަކަށް މީހާވުމުން ދެން އެމީހާއަށް ކުރަނީ ވަރަށް ނޭދެވޭ އަސަރުތަކެކެވެ. މިކަމުގެ ސަބަބުން ހާސްކަމާއި، މާޔޫސްވުމާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެންދެއެވެ. އެގޮތުން ޑިޕްރެޝަން އާއި ސްޓްރެސްއާއި އެކި ކަހަލަ ނަފްސާނީ ބަލިތަކަށް މީހާ ހުށައެޅުމަކީ މި ކަމުގެ ސަބަބުން ދިމާވާ ކަމެކެވެ. މަސައްކަތްތައް ކުރާހިތްނުވުމާއި ކުދިން ކިޔެވުން މަތިން ފޫހިވެ، އަބަދު އެކަނި އުޅެން ބޭނުންވެއެވެ.މީހުންނާއި އެކުގައި މަސައްކަތް ކުރުމާ ދުނިޔެ މަތިން ފޫހިވުން އަދި މީހުން ތިބޭ ތަންތަނަށް ދާން ޖެހިންވެ ފަސްޖެހެއެވެ.

ރާއްޖެއަކީ ކުޑަ، އެންމެން އެކަކު އަނެކަކު ދަންނަ މުޖުތަމައަކަށް ވުމުން، އަބުރަށް ލިބިދާނެ ގެއްލުމަކަށްޓަކައި އަނިޔާ ލިބޭ މީހާ ގިނަފަހަރަށް ހަނުހުރުން އިޚްތިޔާރުކުރެއެވެ.  އަދި މި ހިމޭންކަމުގެ ސަބަބުން ބުލީކުރާ މީހާއަށް އިތުރު ހިތްވަރު ލިބި، މުޅި މުޖުތަމައު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދެއެވެ.

އަޅުގަނޑުގެ ނަޒަރުގައި، ހަނގާކުރުމުގެ މި ނުރަނގަޅު އާދައަށް ހަގީގީ ބަދަލެއް އަންނާނީ ހަމައެކަނި ހިއްސާކުރެވޭ ޝިއާރުތަކަކުން ނޫނެވެ. ސްކޫލްތަކާއި އޮފީސްތަކުގައި ބުލީކުރުމާ ދެކޮޅަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، އެކަންކަން އަމަލީގޮތުން ތަންފީޒުކުރަންޖެހެއެވެ.  މި ފަދަ ގަވާއިދުތަކާއި ހިލާފަށް އަމަލު ކުރާ މީހުން ބޮޑު އަދަދުން ޖޫރިމަނާކޮށް މިކަމަށް ބޮޑެތި އަދަބުތައް ކަނޑައެޅެން ޖެހެއެވެ. މި ފަދަ މައްސަލަތައް ބިރަކާނުލައި ރިޕޯޓްކުރެވޭނެ ރައްކާތެރި ނިޒާމެއް އުފެދިފައި އޮންނަންޖެހެއެވެ. މުދައްރިސުންނާއި ބެލެނިވެރިން އަދި މުވައްޒަފުންވެސް ބުލީކުރުމުގެ ކުރީކޮޅުގެ ނިޝާންތައް ދެނެގަންނަން ދަސްކުރަންޖެހެއެވެ. މި ކަންކަން ކުރެވޭނީ މި ކަމާއި ދެކޮޅަށް ހަރުދަަނާ ނިޒާމެއް ގާއިމް ކުރެވިގެންނެވެ. އަދި އާންމުންނަށް މި ކަމުގެ މުހިންމުކަމާއި މި ކަމުގެ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީގެންނެވެ. އަދި ސުކޫލޫތަކުގައި ދަރިވަރުންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މި ކަމުގެ މައުލޫމާތު ދީ އަހުލުވެރިކޮށްދީގެންނެވެ.

ހަނގާގެ ޝިކާރައަކަށްވެ މި ފާހަގަކޮށްލެވުނު ކަންކަމާއި ކުރިމަތިލަމުންދާ ފަރާތްތަކުން އެހީ ހޯދުމަކީ ވެސް ވަރަށް މުހިންމު އިސްކަމެއްދީގެން ކުރަން ޖެހޭ ކަމެކެވެ. އެގޮތުން ރާއްޖޭގައި ވެސް މީގެ އެހީ ހޯދޭނެ ވަރަށް ގިނަ މަގުތަށް ފަހިވެފައި އެބަހުއްޓެވެ. އެގޮތުން އައިޖީއެމްއެޗްގެ ހެލްޕްލައިން 3335245، މޯލްޑިވްސް މެންޓަލް ހެލްތް ހެލްޕްލައިން 1677، ޗައިލްޑް ހެލްޕްލައިން، 1412، ސޯޝަލް ސާވިސް ހެލްޕްލައިން 1421، ނޭޝަނަލް އެމަޖެންސީ ލައިން 119، ޝީ އިން ފޯރުކޮށްދޭ ހިލޭ އެހީ 3318804، ދަމަނަވެށި ހެލްޕްލައިން 3318901، އަދި ޔޫތްސެންޓަރ ގެ ނަންބަރު 3323860 އިން ވެސް އެހީ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އެހީ ބޭނުންވާނަމަ ތެރަޕީ ނެގުމަކީ ވެސް ކުރެވިދާނެވަރަށް މުހިންމު ކަމެކެވެ.

ކޮންމެ މީހަކީ ވެސް އެހީ ބޭނުންވާނެ މީހެކެވެ. އެކި މީހުންގެ ވިސްނުމުގެ ފެންވަރާއި ކަންކަމާއި މެދު ވިސްނާ ގޮތް އަނެއްމީހާއާއި ތަފާތުވާނެއެވެ. އެހެން ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެހީ ހޯދުމަކީ ރަނގަޅު ކަމެކެވެ. އެ ފަދަ ހޮޓްލައިންތައް ބިނާ ވެފައި އެ ހުންނަނީ އެބޭނުމަށެވެ. އަދި ތިމާ އެހީ ހޯދާކަން އެހެން މީހަކަށް އެނގޭކަށްވެސް ކޮންމެހެން ނުޖެހޭނެއެވެ. މީގައި މުހިންމު ކަމަކީ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް އެމީހަކު އަދާކޮށްދޭނެޖެހޭ ހައްގުތައް ވީ އެންމެ ރަނގަޅަކަށް އަދާކޮށްދިނުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: