ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ހޭދަކުރަން ޖެހިފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ކަމަށާއި، މި މަހު އެކަނިވެސް 925 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހއ. ފިއްލަދޫގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ނުގެންދެވި އޮތީ ކުރީގެ ސަރުކާރުން ނެގި ދަރަނިތައް ދައްކަން ޖެހުމުގެ ސަބަބުން ކަމަށެވެ.
މިގޮތުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) އާއި އިންޑިއާއިން ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް މި މަހު އަނބުރާ ދައްކާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ މި ދެއްކި ފައިސާއަކީ ފިއްލަދޫ ފަދަ އެތައް ރަށެއްގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންކުރެވޭނެ ފައިސާ ކަމަށެވެ.
”އަޅުގަނޑުމެންގެ ރަށްރަށުގައި ބާރު ސްޕީޑުގައި މަސައްކަތް ނުފެށި މި އޮތީ މި މީހުން ނެގިހާ ލޯނޭ ރައީސް މުއިއްޒު ދެ އަހަރު ވަންދެން ދައްކަން ޖެހިފައި މި އޮތީ،“ ޕީއެންސީ ޕީޖީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީން ލޯނު ނަގަމުން ދިޔައީ ދެއްކޭނެ ގޮތެއް ނުހޯދައި ކަމަށާއި އެ ލޯނުތަކަށް އެ ފަރާތްތަކުން ޒިންމާ ނުވާ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުން މިސްކިތެއް ފަދަ އަސާސީ ހިދުމަތްތައް ނުލިބިގެން އުޅޭއިރު، ނެގި ލޯނުތަކުން ކުރި ކަމެއް ނެތް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ޝުޖާއު ވިދާޅުވީ ކުރިއަށް އޮތީ ޕީއެންސީގެ ”ހަގީގީ ވެރިކަން“ ކަމަށާއި، އެ ވެރިކަމުގައި އަތޮޅުތެރޭގެ ރަށްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މި ބަދަލަށް ޕާޓީގެ ގްރާސްރޫޓް ތައްޔާރުވުމަށް އެދިވަޑައިގަންނަވަމުން، ޕާޓީގެ ލީޑަޝިޕުން ރައްޔިތުންނާއެކު އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

