ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެއްކެއް ނެތި ދޮގު ތުހުމަތު ކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް، އާޒިމް މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި ނެތް: ސަރުކާރު

މޭޔަރު އާޒިމަށް ހަމަލަދިން މީހާ ދުރުކުރަން އެމްޑީޕީގެ އެކްޓިވިސްޓުން މަސައްކަތް ކުރަނީ: ފޮޓޯ: ވީޑީއޯގެ ސްނެޕްޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީއިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތް ކުރީ، ސަރުކާރުން ރާވައިގެންކަމަށް ކުރަނީ ހެއްކެއް ނެތިކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މާލޭގައި ކޮންމެ ރެއަކު ވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ކުރިޔަށް ގެންދާއިރު، ރޭގެ އެއްވުމުގެ ތެރެއިން މީހަކު ވަނީ އާޒިމްއަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފަ އެވެ. މި ހާދިސާ އެމްޑީޕީން ކުށްވެރިކޮށް، ކަންބޮޑުވުންފާޅު ކުރިއިރު އާޒިމް ވަނީ މިއީ ސަރުކާރުގެ ރޭވުމެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ. ރޭގެ އެއްވުމުގައި އާޒިމް ވިދާޅުވީ ސަރުކާރު އަޑީގައި އޮވެގެން އޭނާއަށް ހަމަލާ ދޭން މަސައްކަތް ކުރި ނަމަވެސް، ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮށް، ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ އާޒިމްއަށް ހަމަލާ ދޭން މަސައްކަތް ކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރާކަމަށެވެ. އަދި އެ ހާދިސާގެ ވީޑިއޯ ވެސް އެމަނިކުފާނަށް ފެނިވަޑައިގެންނެވިކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، މޭޔަރު ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައިވެސް ހަމަލާދީ، މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވާކަމަށް ވެއެވެ.

މުންދު ވިދާޅުވީ މިއީ ސަރުކާރުން ކުރުވި ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރެއްވުމަކީ ވަރަށް ބޮޑަށް ހައިރާންވާ ކަމެއް ކަމަށެވެ. އެއީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަން އެނގިވަޑައިނުގަންނަވާކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށް މުންދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ދަށު ދަރަޖައިގެ ތުހުމަތުތައް ނުކުރެއްވުމަށް ގޮވާލާ ކަމަށެވެ.

މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިދިޔައިރު ވެސް، އެމްޑީޕީގެ ފަރާތުން ނުވަތަ މާލެ ސިޓީ ކައުންސިލުން ވެސް މިހާތަނަށް ރަސްމީކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވެއެވެ. މުޖުތަމައުގެ ސަލާމަތް ކަށަވަރުކުރުމުގެ ގާނޫނީ ޒިންމާ އޮތް މުއައްސަސާއަށް މިފަދަ ކަންކަން ރިޕޯޓު ނުކުރުމަކީ ފުލުހުންގެ މަސައްކަތަށް އެޅޭ ހުރަހެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސޯޝަލް މީޑިއާއިން ވީޑިއޯ ފެނުނު ހިސާބުން ފުލުހުން އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަން މުންދު ވަނީ ވިދާޅުވެފަ އެވެ

މީގެ އިތުރުން، މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުގެ ފަރާތުން ސެކިއުރިޓީ ލިބޭނެ ބޭފުޅެއްކަން ފާހަގަކުރައްވައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތްރެޓް އެސެސްމަންޓް ފުލުހުން އަބަދުވެސް ހައްދަވަމުން ގެންދަވާނެކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ. އަދި އެސެސްމެންޓުތަކަށް ފަހު އެ ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: