ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނބުރި އެމްޑީޕީއަށް އައިސް މިހުރީ އިސްލާހީ މަސައްކަތަށް، މިއީ އެހެން ބަޔަކަށް ކުރެވޭނެ ކަމެއް ނޫން: ނަޝީދު

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް / ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ދޫކޮށް ދިޔަކަން ގަބޫލުކުރާކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ކަންކަން އިސްލާހުކޮށް ތަރައްގީ ގެނައުމަށް އެންމެ އެކަށީގެންވާ މުއައްސަސާއަކީ އެމްޑީޕީކަމަށް، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވައި، ކެމްޕެއިން ހަރަކާތްތަކަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ އައްޑޫ ސިޓީގަ އެވެ. އެމަނިކުފާނާއި އެކު 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު އޮތް ފުރަތަމަ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިސްލާހުގެ މަގަށް މަސައްކަތް ކުރުމަށް ސަރުކާރުން މަޝްވަރާއަށް އައުމަށް އަނެއްކާވެސް ގޮވާލާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ހިންގުމާއި މެދު ރައްޔިތުން ހިތްހަމަނުޖެހޭކަމަށާއި، މިއީ ބަދަލު ކުރަން ޖެހޭ ވެރިކަމެއްކަން ރައްޔިތުން ދެކޭ ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ކާމިޔާބުކޮށް، ރައްޔިތުން އެދޭ މިސްރާބަށް ގައުމު ގެންގޮސްދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި މުއައްސަސާއެއްކަމަށާއި، މިފަދަ މަސައްކަތެއް ހިންގުމަށް އެހެން އެއްވެސް މުއައްސަސާއެއް ނުވަތަ ޕާޓީއެއް ރާއްޖޭގައި އިންތިޒާމްވެފައި ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހާއި، އަތޮޅު ކައުންސިލްތަކާއި، ރައީސުލްޖުމްހޫރިއްޔާއެއް ހުންނެވި ނަމަވެސް، ގައުމަށް ބޭނުންވާ ތަސައްވުރެއް ގެނެސް، އެ ތަސައްވުރު ތަންފީޒުކޮށްގެން އާއިލާތަކުގެ އާންމު ހާލަތު ބަދަލުކޮށް ތަނަވަސްކަން ގެނައުމަކީ ހަމައެކަނި އެމްޑީޕީއަށް އެނގޭ ކަމެކެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަކީ މި މަސައްކަތަށް ވަރަށް ބޭނުންތެރި މުއައްސަސާއެއް. މި މަސައްކަތް ދިވެހިރާއްޖޭގައި ހިންގުމަށް ހަގީގަތުގައި އެހެން އިންތިޒާމް ވެފައިވާ މުއައްސަސާއެއް ނެތް.

ޗެއާޕާސަންކަމަށް ވާދަކުރެއްވުމަށް، ރައީސް ނަޝީދު އަނެއްކާވެސް އަމަލީ ގޮތުން ހަރަކާތްތަކަށް ނިކުމެވަޑައިގެންނެވިއިރު މިއީ 2023 އަށް ފަހު އެމަނިކުފާނު މިފަދަ ގޮތަކަށް ބައިވެރިވާ ފުރަތަމަ އެމްޑީޕީގެ ހަރަކާތެވެ. އަދި ރިޔާސީ އިންތިހާބު ގެއްލުނު އެއް ސަބަބަކީ، ޕްރައިމެރީގެ ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު ޕާޓީ ދޫކޮށް އައު ޕާޓީއެއް އުފައްދައި އެމްޑީޕީއާއި ދެކޮޅަށް މަސައްކަތް ކުރުންކަމަށް އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރާ ފަރާތްތަކުން ބުނެ އެވެ.

އެކަމަށް ސީދާ ގޮތެއްގައި ރައްދެއް ނުދެއްވި ނަމަވެސް، ޕާޓީ ދޫކުރުމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވިކަން އެމަނިކުފާނު ގަބޫލު ކުރާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އަނެއްކާވެސް އެމަނިކުފާނު އެނބުރި އައިސް ހުންނެވީ ކަންކަން އިސްލާހު ކުރެވޭނެ ޕާޓީއަކީ އެމްޑީޕީއަށް ވާތީ ކަމަށެވެ. އަދި އެ މަސައްކަތަށް އަބަދުވެސް އެންމެ ރަނގަޅީ އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑަށް ވެސް އިނގޭ އަޅުގަނޑު އެ ޕާޓީ ދޫކޮށްފަ ވެސް ދިޔަކަން އެހެންނަމަވެސް މިއަދު އަޅުގަނޑު އައިސް މި ހުރީ މި މުއައްސަސާއާ އެކީގަ މިކަން ކުރުމަށް އަޅުގަނޑު އަބަދުވެސް ދެކެނީ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު މުއައްސަސާއަކީ އެމްޑީޕީކަމަށް.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ބައެއް ފަހަރު އެމްޑީޕީގެ ސިޔާސަތުތައް ބަލައިގެން ކަންކަން ކުރަމުންދާ ތަން ވެސް ފެންނަ ކަމަށެވެ. އަދި ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އަނެއްކާވެސް ގޮވާލައި ވިދާޅުވީ މަޝްވަރާއަށް ވަޑައިނުގަތް ނަމަވެސް، ރައްޔިތުންގެ ހައްގުގައި ކުރާ ވަކާލާތާއި ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ގިނަގުނަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެމަނިކުފާނު އެމްޑީޕީއާ އަލުން ބައިވެރިވެވަޑައިގަތީ އެންމެން ގުޅިގެން އުފެއްދި މި ޕާޓީއަކީ ގައުމުގެ ހާލަތު ބަދަލުކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ޕާޓީ ކަމަށް ގަބޫލުކުރައްވާތީކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: