އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ޕީއެންސީ ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި އިންތިޚާބުގައި ސިނާން ޓިކެޓް ކަށަވަރު ކުރެއްވީ 226 ވޯޓުނެވެ. އޭނާއާ ވާދަކުރެއްވި ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
މާލެ އާއި ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، މާލޭ ފޮށިން ސިނާން 59 ވޯޓު ހޯއްދެވި އިރު، ސައީދަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އަދި ހިތަދޫގައި ބެހެއްޓި ފޮށިން ސިނާން 167 ވޯޓު ކާމިޔާބު ކުރެއްވި އިރު، ސައީދަށް ލިބިވަޑައިގަތީ 150 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާން އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ސާބިތުވެ، އެ ފައިސާ ނުދެއްކުމުގެ ސަބަބުން މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމް ކުރުމުންނެވެ.
އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާގެ ބައި- އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

