ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި އެންމެ އެކަށީގެންވާ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ފައްޔާޒް މިވަގުތު ކެމްޕެއިން ހަރަކާތްތަކަށް ތިއްބެވީ އައްޑޫ ސިޓީގަ އެވެ. 2028 ގެ ރިޔާސީ އިންތިހާބަށް ފައްޔާޒް އެންޑޯސް ކުރައްވައި ރައީސް ނަޝީދު މިވަގުތު މަސައްކަތް ކުރައްވަނީ ފައްޔާޒްއާއި އެކު އެވެ. އަދި ދެބޭފުޅުން ގުޅިގެން މީޑިއާތަކާއި ބައްދަލުކޮށް ވަނީ ”ބޮޑު ބަދަލު“ ގެ ނަމުގައި ނިޒާމީ ބޮޑު ހުށަހެޅުންތަކެއް އާންމު ކުރައްވާފަ އެވެ.
އައްޑޫގައި މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީ ގަބޫލުނުކުރާ ބަޔަކު ވޯޓުފޮށި މެދުވެރިކޮށް އައިސް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
”ބޮޑު ބަދަލު“ ގެ ބައެއް ތަފްސީލުތައް މި ބައްދަލުވުމުގައި ހިއްސާ ކުރައްވައި ފައްޔާޒް ވިދާޅުވީ ގައުމަށް ގެންނަން ބޭނުންވާ ބަދަލު ގެނެސް އެކަން ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނީ ހަގީގީ ލީޑަރުންނަށް ކަމަށެވެ. އަދި އިސްލާހީ ބަދަލުތަކުގައި އެމްޑީޕީ ހޯދި ކާމިޔާބީތައް ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ގައުމަށް ގެންނަން ބޭނުންވާ ކުރިއެރުމަށް، ނިޒާމީ ބަދަލުތައް ގެންނަން ޖެހެ އެވެ. އެގޮތުން ފައްޔާޒް ހުށަހެޅުއްވީ ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ވަކިކުރުމެވެ. ފައްޔާޒް ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުތައް ބޮޑު ރަސްގެފާނަކަށްވުރެ ވެސް ބޮޑުކަމަށާއި، އެ ބާރުތައް ބަހާލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނުވަތަ ރިފަރެންޑަމްއަކަށް ގޮސްގެންކަމަށް ކަނޑައަޅަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ގައުމުގެ ދަރަނި ނެގުމާއި ޑެފިސިޓް ކަނޑައެޅުމުގައި ހަމައެކަނި މަޖިލީހުގެ މެޖޯރިޓީއަށް ބަރޯސާވުމުގެ ބަދަލުގައި، ރަށްރަށުގެ ކައުންސިލަރުންގެ ބަސް ހޯދަންޖެހޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އުމްރާނީ ތަރައްގީއަށްވުރެ ބޮޑަށް ވަކިވަކި ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ބަޖެޓުގެ ބޮޑުބައި ހޭދަކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓައި، ކެޕް ކުރުމާއި ގުޅޭގޮތުން ފައްޔާޒް ވަނީ އަތޮޅުތަކަށް މެންބަރުން ބަހާލާއިރު ކޮންމެ އަތޮޅަކުން މަދުވެގެން އެއް އަންހެން މެންބަރަކު ހުންނަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.
މި ހުރިހާ ބަދަލުތަކެއް ގެނައުމަށްޓަކައި ބޭނުންވާ ސިޔާސީ ބާރުވެރިކަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަކީ ގާބިލު، ރަނގަޅު ބޭފުޅެއް ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު އެކަން އެންމެ ފުރިހަމައަށް ކުރެވޭނެ ބާރުވެރިކަން ހުންނާނީ ރައީސް ނަޝީދުގެ ކިބައިގައިކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިވަގުތު މިކަން ކުރެވޭނެ އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުން އަޅުގަނޑު ގަބޫލު ކުރަނީ އެކަން ބާރުވެރިކަމާ އެކު ކުރެވޭނެ ބޭފުޅަކީ ރައީސް ނަޝީދު.. އަޅުގަނޑު ޗެއާޕާސަންކަން ކޮށްފިން. އަޅުގަނޑުގެ ނެތް އެ ބާރުވެރިކަމެއް. އެ ބާރުވެރިކަން އޮންނަ ބޭފުޅަކު ހުރެގެން މިއަދު މި ގައުމު މިއޮތް ހާލަތުގައި މި ޕާޓީ ކުރިއަށް ދާނީ
ފައްޔާޒް އިތުރަށް ވިދާޅުވީ މި ބަދަލުތަކަކީ ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމްކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ހިޔާލުތައް ރައްޔިތުންނާ ހިސާބަށް ގެނެސް، ރައްޔިތުންގެ ހިޔާލާ އެކު އެމްޑީޕީން ބޮޑު ވަކާލާތަކަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެރިކަން ކުރަން ދަތިވީ ނަމަވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ވެރިކަން ކުރާ ފަރާތްތަކުގެ އަތްވެސް ބަނދެވޭނެ ފަދަ ހަރުދަނާ ނިޒާމެއް އޮންނަން ޖެހެއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދާ އެކު މި މަސައްކަތަށް ނުކުމެ ހުރީ މިއަދު އެމްޑީޕީ އާއި ގައުމުގެ ހާލަތު އޮތް ގޮތުން، ޕާޓީ އާއި ގައުމު ވަކި މިސްރާބަކަށް ގެންދިއުމަށްޓަކައެވެ.

