ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑި އަށް ބަދަލު ނުދިން ނަމަ ގެއްލުން ވާނީ ދައުލަތައް: މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުގެ މަޖިލިސް ޖަލްސާގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއި ދިވެހި ސަރުކާރާއި ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއް ގާނޫނާ ހިލާފަށް ރައީސް ޔާމިން ސަރުކާރުން އުވާލުމުން ދޭންޖެހުނު ބަދަލު ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނޫމަޑި މައްސަލަ ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރު، ބަދަލުގެ ގޮތުގައި ދިނީ ކޮން ގާނޫނީ ހައިސިއްޔަތަކުންތޯ އާއި އާބިޓްރޭޝަނުން ނިންމާނީ ބަދަލުދޭން ޖެހޭ ގޮތަކަށް ކަން މިނިސްޓަރަށް އެނގިވަޑައިގެންނެވީ ކިހިނެތްތޯ ޖާބިރު ސުވާލުކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ ނޫމަޑިން ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީން ދިރާސާ ކުރުމަށް ފަހު ކަމަށެވެ. އަދި އެ ދިރާސާތަކުން ކުރީ ސަރުކާރުން އެ މައްސަލާގައި ކުރި ދިފާއު ބަލިކަށިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ގިނަ އިހުމާލުތަކެއް ވެސް ފާހަގަ ކުރެއްވިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

“އާބިޓްރޭޝާނުން ނިންމާނީ ކަނޑައެޅިގެން ކޮން ގޮތަކަށް ކަމެއްބުނާކަށް އެއްވެސް ފަރާތަކަށް ނޭނގޭނެ. ނަމަވެސް މިހާތަނަށް އާބިޓްރޭޝަނުން ކުރިޔަށް ގޮސްފައިވާ ގޮތާއި އެކްސްޕާޓުންގެ ރިޕޯޓުތަކާއި ގާނޫނީ ވަކީލުންގެ ލަފަޔާއެކު މައްސަލަތައް ދިވެހި ދައުލަތާ ދެކޮޅަށް ނިންމުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯ ބެލޭނެ. އަދި ގިނަ ދިރާސާތަކާއި މަޝްވަރާއަށް ފަހު ސެޓަލްމަންޓް ކޮމިޓީގެ މެންބަރުންނަށް ބުރަވެވުނީ އާބިޓްރޭޝަން ކުރިޔަށް ގޮސް ނިމިއްޖެ ނަމަ ނޫމަޑިއަށް ބޮޑު ބަދަލެއް ދޭން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަން،” އަމީރު ވިދާޅުވި އެވެ.

ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ހުަށައެޅީ ދެ މައްސަލައެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑަލްގެ ދަށުން 700 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއެކު ކުރީގެ މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓާއެކު 20 ޖެނުއަރީ 2011 ގައި ސޮއި ކުރެވިފައިވާ ފޭސް 1 އެއްބަސްވުމެވެ. އަދި ދެވަނަ އެއްބަސްވުމަކީ، 500 ހައުސިން ޔުނިޓާއި ޕޮލިސް އެކެޑަމީ ފޭސް 1 އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއި އޭރުގެ ހައުސިންއާ ދެމެދު 30 މެއި 2013 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމެވެ.

އެ މައްސަލާގައި ނޫމަޑިއަށް ދައްކަން ޖެހޭ 55 މިލިއަން ޑޮލަރު މިހާރު ވަނީ ދިވެހި ސަރުކާރުން ދައްކާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: