ދިވެހިރާއްޖެއަށް ތަސައްވުރެއް ގެނެސް، އެ ތަސައްވުރު ތަންފީޒުކޮށްގެން ރައްޔިތުންގެ އާންމު ހާލަތު ބަދަލުކުރުމަކީ ހަމައެކަނި އެމްޑީޕީއަށް އެނގޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ނަމުގައި ކުރިއަށްގެންދަވާ ކެމްޕެއިން ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ތަނަވަސްކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށެވެ. އަދި މިކަން ކުރުމަށް އިންތިޒާމުވެފައި އޮތް އެއްވެސް މުއައްސަސާއެއް ރާއްޖޭގައި މިވަގުތު ނެތްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހިރާއްޖެ ފުރިހަމަ ”ބޮޑު ބަދަލަކަށް“ ދާންވީ ވަގުތު ކަމަށެވެ.
އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އައްޑޫގެ ކައުންސިލްތަކުން އެ ސިޓީގެ ރައްޔިތުން އެދޭ މިންވަރަށް އަދި މަސައްކަތްތައް ހިންގޭކަށް ނެތް ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން އެހެން ތަކެތީގެ އަގުތައް ވެސް އުފުލިގެންދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށެވެ. އެގޮތުން ދާދި ފަހުން އިންޑިއާއަށް ދައްކަން އޮތް 400 މިލިއަން ޑޮލަރުގެ ދަރަންޏެއް ދެއްކީވެސް، އަލުން އަނބުރާ އިންޑިއާއިން އިތުރު ދަރަންޏެއް ދިނުމުން ކަމަށާއި، އެއީ ”ދަރަންޏެއް ދައްކަން ދަރަންޏެއް ނެގުން“ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިފަދަ ސަބަބުތަކާ ހުރެ ރައްޔިތުން ބޭނުންވާ ތަނަވަސްކަން މިއަދު ނުލިބޭނެ ކަމަށާއި، އެ ތަނަވަސްކަން ހޯދުމަށް އެންމެން ގުޅިގެން މަޝްވަރާކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ނަޝީދުގެ މި ދަތުރުފުޅުގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

