ރައްޔިތުންގެ މަޖިލިސް މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގެ ހުކުމް، އަންނަ ބުދަ ދުވަހު އިއްވުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ. މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަލީ ހުސައިން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު އިސްލާހެއްކަމަށް ބުނެ އިސްލާހު ބާތިލް ކުރުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔައިރު، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އޭނާގެ ފަރާތުން އެދުނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
މައްސަލައިގައި އަލީ ހުސައިންގެ ވަކީލުންނާއި އެމްޑީޕީގެ ފަރާތުން ވަކާލާތު ކުރެއްވި ގޮތުގައި، މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމުން، މެމްބަރުންގެ މައްޗަށް ސިޔާސީ ޕާޓީތަކުގެ ނުފޫޒު އިންތިހާއަށް ބޮޑުވެގެންދެއެވެ. މީގެ ސަބަބުން ރައްޔިތުންގެ މަންދޫބުންނަށް އެބޭފުޅުންގެ ޒަމީރާ އެއްގޮތަށް، ނުވަތަ ދާއިރާގެ ރައްޔިތުންގެ މަސްލަހަތުގައި މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މިއީ ރައްޔިތުންގެ ބާރުވެރިކަން ކުޑަވެ، ޕާޓީތަކުގެ ލީޑަރޝިޕްގެ ބާރު ގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ދައުލަތުން ބުނާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ބާތިލްކުރުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވެއެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ އެއްވެސް އަސާސަކާ ހިލާފު އެއްޗެއް ނޫން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. މީގެ އިތުރުން، މައްސަލަ ހުށަހެޅި ފަރާތުން އެދުނު ވަގުތީ އަމުރުތަކަށް ވެސް ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި މައްސަލަ ނިމެންދެން ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައެޅުމާއި، ފަނޑިޔާރުންނާ މެދު ފިޔަވަޅު ނޭޅުމުގެ އަމުރު ހިމެނެއެވެ.

