އެމްޑީޕީއިން ނެގިހާ ލޯނެއް ދިޔައީ އެޕާޓީގެ އިސްބޭފުޅުންގެ ބަނޑަށްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހއ. ފިއްލަދޫގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ޝުޖާއު ވިދާޅުވީ، ފިއްލަދޫއަކީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ރަށެއްކަމަށާއި މި ރަށަކީ އެމްޑީޕީއިން އަޅައިގަނެގެން ނެއްޓެން ނޭނގިފައި އޮތް ރަށެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ފިއްލަދޫ ކައުންސިލުގެ އިހްތިޞާސުން ދައްޕަރު ވަކިކޮށް ސެކަންޑު ހޯމް ކިޔާ އެއްޗެއް ތައާރަފްކުރުމަށްފަހު އެމްޑިޕީ ވެރިކަމުން އެހެން ބަޔަކަށް ދޭން އުޅުނުކަމަށެވެ.މި ކަމަށް ވެސް ތެދުވެ ދެކޮޅުހެދީ، ފިއްލަދޫގެ ހީވާގި ޒުވާނުންކަމަށާއި، މިރަށަކީ އެމްޑީޕީ ބަލިކުރަން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ރަށެއްކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ މިނިމުނު ހަފްތާތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އެހެނިހެން ބައެއް ލީޑަރުން އެއްވެގެން ވަރަށް ވަރުގަދަ ސައްލާއެއްކޮށް، ކޮންމެ ރެއަކު ވެސް އެ މާލޫދު ކިޔަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އައުމަށް ޑިމާންޑު ކުރަމުންދާތީ، އެކަމަށް އިޝާރާތްކޮށް ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ނަޒަރުގައި ކަންކަން އިސްލާހު ވަނީ އެ ޕާޓީގެ އެހީގަ އެވެ. ނުވަތަ ލޯނު އަނބުރާ ދެއްކެން އޮތް ގޮތަކީ، އެމްޑީޕީއާއި މަޝްވަރާ ކުރުމެވެ. ނަމަވެސް ރައީސް މުއިއްޒު ރައްޔިތުންގެ ހައްގުގައި ގުރުބާނީވެ، އެމްޑީޕީން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަމުންދާކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި މަސް ތެރޭގައި މި ގައުމަށް ލިބުނު ފައިސާގެ ތެރެއިން 925 މިލިއަން ޑޮލަރު ރައީސް މުއިއްޒު ވަނީ އެމްޑީޕީއިން ނަގާފައިވާ ލޯނުގެ ގޮތުގައި ދައްކާފައިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، މިއީ ވަރަށް ގިނަ ރަށްރަށުގެ ތަރައްގީއަށް ބޭނުން ކުރެވޭނެ ފައިސާ ކަމަށެވެ
ރަށްރަށުގައި ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައިކަމަށާއި، އަދި އެމްޑީޕީއިން ނެގިހާ ލޯނެއް ދިޔައީ އެ ޕާޓީގެ އިސްވެރިންގެ ބަނޑަށްކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ މި ކަމުގެ ސަބަބުން އެމްޑީޕީއިން އެބުނާ އިސްލާހީ ބަދަލެއް ބޭނުން ނުވާކަމަށެވެ. ސަބަބަކީ އެމްޑީޕީގެ ބަދަލަކީ، ގައުމުގެ ހަމަޖެހުން ގެއްލުވާލުންކަމަށް ޝުޖާއު ވިދާޅުވި އެވެ.

