އައްޑޫސިޓީ ފޭދޫ ސްކޫލުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތުދިން ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޭދޫ ސްކޫލްގެ ލައިބްރަރީން ބޭރުގައެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:20 ހާއިރުއެވެ.
ހާދިސާގެ ރިޕޯޓު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 08:56 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

