އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ފަހު މުހައްމަދު ސިނާން، އޭނާއަށް ލިބުނު ޓިކެޓު ދޫކޮށް އަހުމަދު ސައީދު (ސޮޑާ) އަށް ތާއީދުކުރަން ނިންމައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ދާއިރާގެ ކުރީގެ މެމްބަރު ސިނާން ވަނީ 226 ވޯޓާއި އެކު ޕާޓީގެ ޓިކެޓު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ނަމަވެސް، ޕްރައިމަރީ ކާމިޔާބު ކުރުމަށް ފަހު ހަފްތާއެއް ނުވަނީސް ސިނާން ވަނީ އެ ޓިކެޓު ދޫކޮށް ފަހަތަށް ޖެހެން ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ.
މި ނިންމުން އާންމުކޮށް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ، މިދިޔަ ތިން ދުވަހު ދާއިރާގެ ގިނަ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު، މިވަގުތު ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް އެންމެ ރަނގަޅު ގޮތަކީ އާ މޫނަކަށް ފުރުސަތު ދިނުން ކަމަށް ފެންނާތީ މި ގޮތަށް ނިންމެވީ ކަމަށެވެ. ހާއްސަކޮށް އިދިކޮޅު ކެނޑިޑޭޓް ބަލިކޮށް ޕީއެންސީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުމަށްޓަކައި އެންމެ ފަހި މަގަކީ މިއީކަމަށް ވިދާޅުވި އެވެ.
ސިނާން އިތުރަށް ވިދާޅުވީ، އޭނާ ވާދަނުކުރައްވަން ނިންމެވި ނިންމެވުން ޕާޓީގެ ލީޑަޝިޕަށް މިހާރު އަންގާފައިވާ ކަމަށާއި، ޕާޓީން ދައްކާ ކެނޑިޑޭޓަކާއެކު ނުކުންނަވާނެ ކަމަށެވެ. އަދި އައު ރޫހެއްގައި ޕީއެންސީގެ ކެނޑިޑޭޓް ހޮވުމަށް މަސައްކަތް ކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ މެމްބަރުކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

