ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް: ވަޢުދުތައް ނުފުއްދޭތީ އިތުބާރު ކުޑަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

 ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަސްވެރިންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި މަޖިލީހުގައި ކުރެވުނު ބަހުސްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް ވަނީ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައެވެ.

މި ބަހުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ކަންނެލި ކިލޯއެއްގެ އަގު 80 އާއި 100 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަތް ވަޢުދުފުޅާ ގުޅޭގޮތުންނެވެ. މަސްވެރިން ފާހަގަކުރާ ގޮތުގައި، ގިނަ އަދަދެއްގެ މަސްވެރިން މި ސަރުކާރަށް ތާއީދުކޮށް ވޯޓު ދީފައިވަނީ، މި ވަޢުދުގެ ސަބަބުން މަސްވެރިންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް އެކަށީގެންވާ އަގެއް ލިބެމުން ނުދާކަން މަސްވެރިން ހިތާމައާއެކު ފާހަގަކުރެއެވެ.

މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްކިރުވުމަށްފަހު ފައިސާ ލިބުމުގައި ހުރި ދަތިތަކެވެ. މަސްވެރިން ކުރި އިޙްތިޖާޖުތަކަށް ފަހުވެސް، ފައިސާ ދިނުމުގައި ސާފު އިންތިޒާމުތަކެއް ހަމަޖެހިފައި ނުވުމާއި، ވަޢުދު ފުއްދުމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާތީ، މަސްވެރިންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ، ސަރުކާރަށް އޮތް އިތުބާރު ދަނީ ކުޑަވަމުންނެވެ.

ޚާއްޞަކޮށް ކަޅުބިލަމަސްވެރިންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާރު ކިލޯއަކަށް ލިބޭ ގާތްގަނޑަކަށް 16 ރުފިޔާއަކީ ތެލުގެ ޚަރަދާއި އާންމު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ނުކުޅެދޭ ފަދަ ކުޑަ އަގެއް ކަމަށް މަސްވެރިން ބުނެއެވެ. މީގެ ސަބަބުން ގިނަ މަސްވެރި އާއިލާތަކަކުން ދަނީ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ތަހައްމަލު ކުރަމުންނެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ވަކި ބަޔަކަށް އިސްކަންދިނުމުގެ ބަދަލުގައި ހުރިހާ މަސްވެރިންނަށް ޚާއްޞަ ސަބްސިޑީއެއް ހަމަޖައްސައިދިނުމަށާއި، މުޅި ސިނާއަތުގައި އިންސާފުވެރި އަގުތަކެއް ކަނޑައެޅުމަށް އެހީތެރިވުމަށް މަޖިލީހުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ބ. އަތޮޅުގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތެލުގެ އަގުގެ މައްސަލަވެސް މަޖިލީހުގައި ފާހަގަކުރިއެވެ. ހެޔޮ އަގުގައި ތެޔޮ ހޯދުމަށް ޅ. ފެލިވަރަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން، ދަތުރަށް ހިނގާ ޚަރަދު ބޮޑުވެ، އެކަމުން އެއްވެސް މަންފާއެއް ނުލިބޭ ކަމަށާއި، އެއީ ވަގުތާއި ފައިސާ އިސްރާފުވާ ކަމެއްގެ ގޮތުގައި މަސްވެރިން ސިފަކުރެއެވެ.

މަސްވެރިންގެ މައިގަނޑު މެސެޖަކީ، ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދި، މަސްވެރިންގެ ދިރިއުޅުމުގެ ހާލަތު ނާޒުކު ފައްތަރަކަށް ވެއްޓެމުންދާ ކަމެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން ކުރިއަށްދިޔަ މި ބަހުސްގައި، މަސްވެރިން ވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ސަރުކާރަށް އޮތް އިތުބާރު މުޅިން ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: