މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް މިހާތަނަށް އަމަލީ އެއްވެސް ހައްލެއް ލިބިފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ތަޤުރީރުގައި އޭނާ ވަނީ މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ”ލޭނާރު“ ކަން ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މެންބަރު ޒަރީރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުވާލެއްވީ މަސް ރައްކާކުރުމާއި އިންފްރާސްޓްރަކްޗަރަށް ހުރި ހުރަސްތަކުގެ މައްޗަށެވެ. އެގޮތުން މަސް ރައްކާކުރާނެ ވަސީލަތްތައް އެންމެ ބޭނުންވާ ވަގުތު ލިބެން ނުހުންނަކަމާއި، މަސް ރައްކާކުރާނެ ތަންތަން ބިނާކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ކުރިއެރުމެއް ނުފެންނާތީ އޭނާ ސުވާލު އުފެއްދެވިއެވެ. ސަރުކާރަށް ދެ އަހަރާއި ބައިވެގެން ދިޔައިރުވެސް، މި ދާއިރާއަށް މާނަހުރި ބަދަލެއް ނައިސް، ވައުދުތައް ތަންފީޒުނުވެ އޮތް ސަބަބާ މެދު އޭނާ ސުވާލު ކުރެއްވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރީރު ހުށަހެޅުއްވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މަސްވެރިންނަށް ދޭ އުޖޫރަ މިއަށްވުރެ ރަނގަޅުކުރުމަށެވެ. އަދި މިފްކޯގެ މަސައްކަތްތަކުގެ އެފިޝަންސީ އިތުރުކޮށް، މަސްވެރިންނަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަން މައިގަނޑު ގޮތެއްގައި އެންމެ ބާޒާރަކަށް ބަރޯސާވެފައި އޮތުމަކީ ސިނާއަތް ކުރިއެރުމަށް އޮތް ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ ސަބަބުން މަސްވެރިންގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވައި، ޔޫރަޕާއި ދެކުނު އެފްރިކާ ފަދަ ދުނިޔޭގެ އާ ބާޒާރުތައް ހޯދުމަށް ސަރުކާރަށް އިލްތިމާސްކުރެއްވިއެވެ. އަދި ބޭރުގެ ބާޒާރުތަކުން ”ރިޖެކްޓް“ ކުރާ މަހުން ލިބޭ ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭތީ، އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ޒަމާނީކުރުމަށްޓަކައި މެންބަރު ޒަރީރު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި:
- އާ ގާނޫނުތަކާއި ނިޒާމުތައް އެކުލަވައިލުން.
- އިސްރާފު ކުޑަކޮށް، ހިންގުންތެރިކަން އިތުރުކުރުމަށް ސިޔާސަތުތައް އިސްލާހުކުރުން.
- މިފްކޯގެ ފެކްޓްރީތައް ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ހުޅުވައި، ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރި ފުޅާކުރުން.
ޒަރީރުގެ ތަޤުރީރު ނިންމާލެއްވީ، މަސްވެރިކަމަކީ ގައުމުގެ އެންމެ މުހިންމު ސިނާއަތަށް ވީއިރުވެސް، އެ ދާއިރާއަށް އިހުމާލުވަމުންދާތީ އެކަމުގެ ބޮޑު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މި ސިނާއަތް ދެމެހެއްޓުމަށްޓަކައި އަވަސް އިސްލާހީ ބަދަލުތަކާއި، އިންފްރާސްޓްރަކްޗަރު ތަރައްޤީކޮށް، މަސްވެރިންނަށް އިންސާފުވެރި އުޖޫރައެއް ކަށަވަރުކޮށްދިނުމަށް އޭނާ ބާރުއެޅުއްވިއެވެ.

