ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، ދައުލަތުގެ މީޑިއާއިން ވަކި ފަރާތަކަށް ޖެހިގެން ޚަބަރު ފަތުރަމުންދާ ކަމަށް ބުނެ ޑރ. އަހުމަދު ޝަމްހީދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ޕީއެސްއެމް އަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ މުއައްސަސާއަކަށް ވާއިރު، އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވުމަށް އެ ތަނުން ހަމަހަމަ ފުރުޞަތު ނުދޭ ކަމަށެވެ. އަދި ”ޕަބްލިކް ސަރވިސް މީޑިއާ އެއް ނަމަ، ދެ ފަރާތުގެ ޚިޔާލަށް ހަމަހަމަ ފުރުޞަތު ދޭން ނުޖެހޭތޯ؟“ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ދައުލަތުގެ މީޑިއާއިން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަން ގާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މަޖިލީހުގައި މާނަހުރި ބަހުސްތަކެއް ކުރެވިފައިވަނީ ވަރަށް މަދުން ކަމަށެވެ. ގިނަ ބަހުސްތައް އަމާޒުވެފައިވަނީ ހަމައެކަނި މާލީ ކަންކަމަށާއި ބިލްތަކަށް ފަންޑު ހޯދުމުގެ މައްޗަށް ކަން ފާހަގަކުރައްވައި، އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީހުގައި އިވެނީ ހަމައެކަނި ސިޔާސީ އިސް ބޭފުޅުންގެ އަޑެވެ. އަދި ޕީ.އެސް.އެމް އިން ރައްޔިތުންނަށް ދައްކަނީ ވެސް ހަމައެކަނި އެ މަންޒަރުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ އަޑު ތަމްސީލުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ޢާންމު ރައްޔިތުންގެ ޝުޢޫރުތަކާއި ޚިޔާލުތައް ފާޅުކުރާނެ ފުރުޞަތެއް އޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. ރައްޔިތުންގެ ޚިޔާލުތައް ދެނެގަނެ، އެކަންކަން ހާމަކުރުމަކީ ޕީ.އެސް.އެމްގެ ޒިންމާއެއް ކަމަށާއި، މި ޤަރާރު މަޖިލީހަށް ހުށަހެޅި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.
ސަރުކާރުން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން އިބްރާހީމް ފަލާޙް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ކުރީގެ އެމް.ޑީ.ޕީ ސަރުކާރުން ނެގި 900 މިލިއަން ޑޮލަރުގެ ލޯނު ދައްކަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ހަޤީޤީ ތަޞްވީރު ޕީ.އެސް.އެމް އިން ސާފުކޮށްދީފައި ނުވާ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ބުނެވޭ 900 މިލިއަން ޑޮލަރުގެ ތެރެއިން 650 މިލިއަން ޑޮލަރަކީ މިހާރުގެ ސަރުކާރުން ނަގާފައިވާ ފައިސާއެވެ. ސަރުކާރުން ލޯނުގެ ހަޤީޤީ އަދަދުތައް އޮޅުވާލައި ސިއްރުކުރަމުންދާ ކަމަށާއި، ދައުލަތުގެ ޖުމްލަ ދަރަނީގެ މަޢުލޫމާތު ހާމަކުރުމުގައި ހާމަކަން ކުޑަކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޑރ. ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 17 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ޤައުމުގެ ދަރަނި ހުރި މިންވަރާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ލިބެމުން ނުދެއެވެ.
ނިންމަވާލައްވަމުން ޑރ. ޝަމްހީދު ގޮވާލެއްވީ، ޕީ.އެސް.އެމް އިން ވަކިފަރާތަކަށް ޖެހިފައިވާ ސިޔާސަތު ދޫކޮށްލައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދިނުމަށެވެ. އަދި މިނިވަންކަމާއެކު ބަހުސްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، މީޑިއާ އާއި ސަރުކާރު ވެސް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އޭނާ ބާރުއެޅުއްވިއެވެ.

