ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުކަމާއި މުގައްރިރުކަމުގެ މަގާމަށް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަލުން ހަމަޖައްސައިފި އެވެ.
ޕީއެންސީގެ މެންބަރު އަސްމާ ކޮމިޓީގައި ހިމެނިކަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރަސްމީކޮށް އިއުލާންކުރައްވާފައެވެ.
ކުރިން ވެސް އެ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އަސްމާ އެ މަގާމުންނާއި ކޮމިޓީން ވަކިކުރުމަށްފަހު އަލުން މި ގެނައި ބަދަލާއެކު، އޭނާ ވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފައެވެ.
އަސްމާ އަލުން މުގައްރިރުކަމަށް އައްޔަންކުރީ، އެ މަގާމުގައި މިހާތަނަށް ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުސްތަފާގެ އިސްތިއުފާއަށްފަހު ކޮމިޓީގެ އާ މުގައްރިރަކަށް އަސްމާ އައްޔަންކުރުމަށް ހުށަހަޅައި، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެކަން ފާސްކޮށްފައެވެ.
ކޮމިޓީގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު އަސްމާ ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތަކާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދާންޖެހުނު ނަމަވެސް، އަބަދުވެސް މަސައްކަތް ކުރަން ބޭނުންވީ އެ ކޮމިޓީގައި ކަމަށެވެ. އަދި އަލުން މެންބަރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާކަމަށް ވިދާޅުވިއެވެ.
އަސްމާ ކޮމިޓީން ކުރިން ވަކިކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޕްރޮގްރާމެއްގައި، ސުވާލުކުރަން ބޭނުންވާ މީހުން ދުރާލާ އެންގުމަށް އެދި އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުވި މެސެޖަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް، އެކަމާ ގުޅިގެން އަސްމާ ފަހުން މާފަށް އެދިވަޑައިގެން ބަޔާނެއް ވެސް ނެރުއްވާފައިވެއެވެ.
އޭގެ ފަހުން ދެން ފެންމަތިވީ ޕީއެންސީގެ އެތެރޭގެ ބައެއް ކަންކަމާ ގުޅޭގޮތުން އަސްމާކަމަށް ބުނާ ފަރާތަކުން، ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެ މައްސަލަ ހޫނުވެގެންނެވެ.

