ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން މަސްވެރިން ސަލާމަތްކޮށް، މަހަށް ފުރޭނެ ފަސޭހަ މަގުތަކެއް ގާއިމްކޮށްދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ތެލުގެ އަގު އުފުލުމަކީ ހަމައެކަނި މަސްވެރިންނަށް އޮތް ތަކުލީފެއް ނޫން ކަމަށާއި، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާ ކަމެކެވެ.
މި މަސައްކަތުގެ ދަށުން ކުރިން އެންމެ 4 ސަރަހައްދަކުން ލިބެމުންދިޔަ ސަބްސިޑީ ތެޔޮ، މިހާރު އިތުރު 9 ސަރަހައްދެއް ހިމަނައިގެން ޖުމްލަ 13 ސަރަހައްދަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ފެލިވަރު، ބ. އޭދަފުށި، ކ. ހިންމަފުށި، ހުޅުމާލެ ޖެޓީ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ފުވައްމުލައް ސިޓީ އަދި ސ. ހުޅުމީދޫ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް މިހާރު ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ. މީގެ އިތުރުން މަސްވެރިކަން މިވަގުތު ރަނގަޅު ލ، ތ، އަދި މ އަތޮޅަށްވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމެވެ. މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ މަސްވެރިންނަށް ދޫކޮށްފައިވާއިރު، ބައިނަލްއަޤްވާމީ ލޮޖިސްޓިކްސްގެ ދަތިތަކާއެކުވެސް، މަސް އެކްސްޕޯޓްކުރާ ކުންފުނިތަކުން ބޮޑު އަގުގައި ފްލައިޓްތަކުން ޖާގަ ހޯދައިގެން މަސް ބޭރުކުރަމުންދާކަން ވަޒީރު ޔަގީންކޮށްދެއްވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މަސްވެރި އާއިލާތަކަށް މާލީ ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އުންމީދީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

