ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ”ދޮގެއް ނަހަދާނެ“، ހިދުމަތުގައި 11 އަހަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މީޑިއާގެ ދާއިރާގައި ’ސަންގު ޓީވީ‘ އަކީ ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ނަމެކެވެ. 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަޒުމު ކަނޑައަޅައި، ސަންގު ޓީވީގެ ފުރަތަމަ ބްރޯޑްކާސްޓް ފެށިގެން ދިޔައެވެ. މިއަދު މި ޚިދުމަތަށް 11 އަހަރު ފުރިގެންދާއިރު، ސަންގު ޓީވީ ދެމިއޮތީ ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ވަރުގަދަ އަސާސެއްގެ މަތީގައެވެ.

ފެށުމާއި ކުރިމަތިވި ގޮންޖެހުންތައް

ސަންގު ޓީވީ އުފަންވެގެން އައީ ރާއްޖޭގެ ސިޔާސީ މަޝްރަޙު ނުހަނު ހަލަބޮލިވެ، މީޑިއާތަކުގެ މައްޗަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރާފައި އޮތް ދުވަސްވަރެއްގައެވެ. ތަޖުރިބާކާރު ކުޑަ ޓީމަކާއެކު މި ދާއިރާއަށް ނުކުތްއިރު، އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވަކި ފަރާތަކަށް ނުޖެހި ޚަބަރު ފޯރުކޮށްދިނުމުގައި ކުރިމަތިވި ހުރަސްތަކެވެ. އެކި ސިޔާސީ ޙަރަކާތްތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ނުފޫޒުގަދަ ފަރާތްތަކުން ހުރަސްއެޅި ނަމަވެސް، ސަންގު ޓީމުން ދެއްކީ ސާބިތުކަމެވެ.

”ސަންގު ޓީވީ“ ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ސަންގު ޓީވީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވާހަކަފުޅު ދައްކަވަނީ

ނޫސްވެރިންނަށް ކުރިމަތިވި އަނިޔާއާއި ގެއްލުން

ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ސަންގު ޓީވީގެ މުދަލަށާއި މުވައްޒަފުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޚަބަރު ފެތުރުމުގެ މަސައްކަތުގައި އުޅުނު ބައެއް ނޫސްވެރިންނަށް އެކި ޙާލަތްތަކުގައި ޖިސްމާނީ އަނިޔާ ލިބި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހުނު ހިތްދަތި ހާދިސާތައް ހިނގާފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުން ސަންގު ޓީވީގެ އޮފީހަށް ވަދެ، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ސާމާނު ގެންގޮސްފައިވާކަން އެއީ ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ. މިހާތަނަށްވެސް އެފަދަ ގެއްލުންތަކަށް އިންސާފުވެރި ބަދަލެއް ލިބިފައި ނުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެކެވެ.

މުޒާހަރާއެއްގެ ތެރެއިން ސަންގު ޓީމަށާއި ތަކެއް ލިބުނު ގެއްލުން، އަދި ވެސް އިންސާފެއް ނުލިބޭ

ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު

ސަންގު ޓީވީގެ އެންމެ ބޮޑު ސިފައަކީ ވަކި ކުލައަކަށް ނުވަތަ ވަކި ފިކުރަކަށް ބެލުމެއްނެތި، ހިނގަމުންދާ ކަންކަން ވަގުތުން ވަގުތަށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. ”ސަންގުން ދޮގެއް ނުހަދާނެ“ މި ޝިއާރުގެ ދަށުން، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންގެ އަޑު އިއްވުމުގައި އެ ޗެނަލުން ވަނީ ނަމޫނާ ދައްކާފައެވެ. ބޮޑެތި ޖޫރިމަނާތަކާއި އެކި ބާވަތުގެ އަދަބުތައް ދިން ނަމަވެސް، ސަންގު ޓީވީގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން ސަންގު ޓީވޗީން ގެނެސްދިން ސަންގު ބަހުސްގެ ތެރެއިން

މިއަދު ސަންގު ޓީމަށް 11 އަހަރު ފުރި، 12 ވަނަ އަހަރަށް ފައިތިލަ ސާބިތު ކުރާއިރު އަޅުގަނޑުމެންގެ ލޮބުވެތި ބެލުންތެރިންނާ ހިއްސާކޮށްލަން ބޭނުންވަނީ ތާރީޚީ ހަޤީޤަތެކެވެ. 2015 އޭޕްރިލް 30 ވަނަ ދުވަހު ސަންގު ޓީވީ އުފަންވިއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ އިއްޒަތްތެރިއަކު ވަޑައިނުގަތުމާއެކު، ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ތަޤްރީރު ފެށުމާއެކު ރަސްމިއްޔާތުން ވަކިވެވަޑައިގަތެވެ. އެހެންނަމަވެސް، މިއަދު 11 އަހަރު ފަހުން، އެ ހުރިހާ ހީ ބިރުތަކެއް ފިލައި، ޙަޤީޤަތް ސާފުވެފައިވާއިރު، މި ޓީވީއަށް ވަޑައިނުގަންނަވާ ނުވަތަ ޕްރޮގްރާމެއްގައި ބައިވެރިނުވާ ވަރުގަދަ ޝަހުސީއްޔަތެއް ނުވަތަ ބޭފުޅަކު ނެތް ކަމަށް ބުނުމަކީ ދގޮކަށް ނުވާނެއެވެ.

ދަންވަނަވަންތޯއެވެ؟ ސަންގު ޓީވީީ ރަސްމީކޮށް އިފްތިތާޙުކުރި ރޭ، ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން، ދިވެހިބަހުގެ އުސްތާޛު އަބްދުﷲ ސޯދިޤު (ސޯދުބެ) ވިދާޅުވެފައިވަނީ ސަންގު ޓީވީއަކީ ތެދުވެރި މީޑިއާއެއް ކަމަށެވެ. އެ ވިދާޅުވުމާ އެއްގޮތަށް، ހުރިހާ ފިކުރަކާއި ކުލައެއްގެ ބޭފުޅުންނަށް ހިތްހަމަޖެހުމާއެކު ސަންގު ޓީވީގެ ސްކްރީނުގައި، އިތުބާރާއެކު ވާހަކަދެއްކެވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވެއެވެ.

ސަންގު ޓީވީއަށް ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މިހާރުގެ ޓީމަށާއި، ކުރީގެ މުވައްޒަފުންނަށް މެނޭޖްމަންޓުގެ ފަރާތުން އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ.  ފާހަގަކޮށްލަން ބޭނުންވަނީ، މިއަދު ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއެކު ހުރިހާ ކުލައެއްގެ ޚިޔާލުތައް އެއް ސްކްރީނަކުން ފެންނަ ހަމައެކަނި ސްކްރީނަކީ ސަންގު ސްކްރީނެވެ. މިއީ ދިވެހި އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ސަންގު ޓީވީގެ 11 އަހަރުގެ ދަތުރަކީ ކާމިޔާބީއާއި ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެކެވެ. މިއަދު  ޗެނަލް މަޤުބޫލުވެފައިވަނީ ހަމައެކަނި ޚަބަރު ފަތުރާ ވަސީލަތެއްގެ ގޮތުގައެއް ނޫނެވެ. އެއީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، ހަޤީޤަތް ހާމަކުރުމުގެ ރަމްޒެކެވެ. ކުރިއަށް އޮތް ތަނުގައިވެސް ސަންގު ޓީވީ ދެމިއޮންނާނީ ދިވެހި ރައްޔިތުންނަށް ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގައި، ބިރުެއްނެތި ހަޤީޤަތް ހާމަކުރުމުގެ މަތިވެރި މަޤްޞަދުގައެވެ.

މި ބޮޑު ކާމިޔާބީގެ އެންމެހައި ޝުކުރު ރައްދުކުރަން ބޭނުންވަނީ، ފޫހިކަމެއްނެތި ސަންގު ބައްލަވަމުން ގެންދަވާ އަގުހުރި ބެލުންތެރިންނަށެވެ. ސަންގު ޓީމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އަޅުގަނޑުމެންގެ އިޚްލާޞްތެރި ދުޢާއަކީ ސަންގު ޓީވީއަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީ ލިބިގެންދިއުމެވެ. އާމީން.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: