އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޮލެންޓިއަރުންނާއި ބައްދަލުކުރެއްވުމުގެ ހަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.
މިރޭ ބޭއްވި މި ބައްދަލުވުމަކީ ކެމްޕޭންގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ވޮލެންޓިއަރުންނާ ބައްދަލުކޮށް، ކުރިއަށް އޮތް އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ވޮލެންޓިއަރުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެމްޑީޕީގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވަކިން ހާއްސަކޮށް، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށާއި މެންބަރުންގެ ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވޮލެންޓިއަރުންނަށް އިރުޝާދު ދެއްވިއެވެ.
ރައީސް ނަޝީދު ގެންދަވަނީ ޗެއާޕާސަންގެ މަގާމަށް އަމާޒުކޮށް ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކުރައްވައި، ރަށްރަށުގެ މެންބަރުންނާ ބައްދަލުކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.
ރައީސް ނަޝީދު ވަނީ ހއ ގެ އިތުރުން އައްޑޫސިޓީއަށް ވެސް ދަތުރު ކުރައްވާފައެވެ.

