އޭޕްރީލް މަހުގެ 8 ވަނަ ދުވަހު، އިސްރާއީލުން 10 މިނެޓުގެ ތެރޭގައި ލުބުނާނުގެ އެކި ސަރަހައްދުތަކަށް 100 އަށްވުރެ ގިނަ ހަމަލާ ދިންތާ މަދު ގަޑިއިރުތަކެއް ފަހުން، އުމުރުން 22 އަހަރުގެ އަހުމަދު ހަމްދީ އިނީ ބައިރޫތުގެ ތައްލަތު އަލްޚަޔާތު ސަރަހައްދުގައި ހުންނަ އޭނާގެ ގޭގެ ސޯފާގައެވެ.
ކުއްލިއަކަށް، ރޮކެޓެއްގެ ”ބަޔާންކުރަންދަތި ބިރުވެރި އަޑު“ އޭނާއަށް އިވުނެވެ. އިތުރު ރޮކެޓްތައް އެ ސަރަހައްދަށް އެރުމުގެ ކުރިން، އަހުމަދު ސޯފާއިން ފުންމާލި ވަގުތު އޭނާ ދިރިއުޅޭ އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ހަށިގަނޑު ވަށައިގެން ބުރައިގެން ދިޔައެވެ. ހަތަރުވަނަ ބުރީގައި ހުރި އޭނާގެ އެޕާޓްމަންޓުން ބޭރު ބަލާލިއިރު ފެންނަން އޮތީ ހަމައެކަނި ހިރަފުހުގެ ބޯ ފަރުދާއެކެވެ. އެ ހިރަފުސްތައް ފިލައިގެން ދިޔުމުން، އޭނާގެ ގޭގެ ކުރިމަތީގައި ހުރި އިމާރާތް ބިމާ ހަމަވެ، ކުނިފުންޏަކަށް ވެފައިވާ މަންޒަރު ފެނުނެވެ.
އަހުމަދު އަލުން އެ ސޯފާއަށް ބަލާލިއެވެ. ދެވަނަ އަދި ހަތަރުވަނަ ގޮވުމާ ދެމެދު ކޮންމެވެސް ވަގުތެއްގައި، ފުރަތަމަ ރޮކެޓް އެރިއިރު އޭނާގެ މޭމަތި ހުރި ދިމާލަށް، ސޯފާގެ ސީދާ އެ ދިމާއަށް ހަމަލާގެ އެތައް އެތިކޮޅެއް (ޝްރެޕްނަލް) އަރާފައި ހުއްޓެވެ.
”ތައްލަތު އަލްޚަޔާތު ފަދަ ތަނަކީ ވަރަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި އިހުސާސް ކުރެވެނީ،“ އަލްޖަޒީރާއާ ވާހަކަ ދައްކަމުން އަހުމަދު ބުންޏެވެ. ”މިފަދަ ކަމެއް ހިނގައިފާނެ ކަމަށް އެކަކުވެސް އުންމީދެއް ނުކުރާނެ.“
ވަކި އަމާޒެއް ނެތް ހަމަލާތައް
އޭޕްރީލް 8 ވަނަ ދުވަސް ލުބުނާނުގައި މަޝްހޫރުވެފައިވަނީ ”ކަޅު ބުދަ“ ދުވަހުގެ ގޮތުގައެވެ. އެދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި މުޅި ގައުމުން މަދުވެގެން 357 މީހުން ޝަހީދުވިއެވެ. އިސްރާއީލުން ބުނަނީ އެ ހަމަލާތަކުގައި ހިޒްބުاللهގެ 250 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި އާންމުންނާއި ހަނގުރާމަވެރިން ހިމެނޭ ނިސްބަތް ސީދާ އެނގެން ނެތް ނަމަވެސް، އެދުވަހުގެ ހާދިސާތައް ދިރާސާކުރާ އެކި މަސްދަރުތަކުން އަލްޖަޒީރާއަށް ބުނެފައިވަނީ، އެ ހަމަލާތަކަކީ އެއްވެސް ބެލުމެއް ނެތް (އިންޑިސްކްރިމިނޭޓް) ހަމަލާތަކެއް ކަމަށާއި، ބައެއް ހާލަތްތަކުގައި ސީދާ އާންމުންނަށް އަމާޒުކޮށްފައިވާ ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އދ. ގެ މާހިރުން ވެސް ވަނީ އޭޕްރީލް 8 ގެ ހަމަލާތަކަކީ ވަކި އަމާޒެއް ނެތް ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
”ދުވާލުގެ ވަގުތެއްގައި، އެއްވެސް އިންޒާރެއް ނެތި، އަދި އާންމުން ތިބި ތަންތަނަށް އެއްފަހަރާ އެތައް ހަމަލާއެއް ދިނުމަކީ އިސްރާއީލު ސިފައިންގެ އަމަލުތަކުގައި ހުރި ފަރުވާކުޑަކަން ހާމަކޮށްދޭ ކަމެއް،“ ހިއުމަން ރައިޓްސް ވޮޗްގެ ލުބުނާނު ދިރާސާވެރިޔާ ރަމްޒީ ގައިސް ވިދާޅުވިއެވެ.
މާޗް 2 ވަނަ ދުވަހު އިސްރާއީލުން ވަނީ ދެ އަހަރު ތެރޭ ދެވަނަ ފަހަރަށް ލުބުނާނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފައެވެ. އޭގެ ކުރިން ހިޒްބުالله އިން ވަނީ، 2024 ޑިސެމްބަރުގެ ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުން އީރާނުގެ އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ރައްދު ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް އަރައިގަނެ، އެ ސަރަހައްދުގެ އަވަށްތަކާއި އަވަަށްތައް ސިސްޓަމެޓިކްކޮށް ހަލާކުކުރަން ފަށާފައެވެ. މާހިރުންނާއި އިސްރާއީލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މީގެ ބޭނުމަކީ ބޯޑަރު ސަރަހައްދުގައި މީހުންނަށް ދިރިނޫޅެވޭ ފަދަ ”ބަފަރ ޒޯން“ އެއް އުފެއްދުމެވެ.
އިސްރާއީލުގެ ދައުވާތަކާމެދު އުފެދޭ ޝައްކުތައް
އޭސީއެލްއީޑީ (ACLED) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް 8 ވަނަ ދުވަހު އިސްރާއީލުން ލުބުނާނަށް 100 އަށްވުރެ ގިނަ ވައިގެ ހަމަލާދީ، 160 އަށްވުރެ ގިނަ ބޮން އަޅާފައިވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކުރީ ހިޒްބުاللهގެ މަރުކަޒުތަކަށާއި، ކޮމާންޑް ސައިޓްތަކަށާއި، އަދި ރަޟްވާން ފޯސްގެ މަރުކަޒުތަކަށެވެ.
ނަމަވެސް މި ހާދިސާ ދިރާސާކުރާ ޖަމާއަތްތަކުން ބުނަނީ ލިބެން ހުރި މައުލޫމާތުން އިސްރާއީލުގެ ވާހަކަތަކާމެދު ޝައްކު އުފެދޭ ކަމަށެވެ. އޭސީއެލްއީޑީގެ އެނަލިސްޓުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި ހިޒްބުاللهގެ މެންބަރުން ކަމަށް ބެލެވެނީ ވަރަށް މަދު ބައެކެވެ.
”އޭޕްރީލް 8 ގައި 101 އަންހެނުންނާއި ކުޑަކުދިން ޝަހީދުވި،“ ބައިރޫތުގެ ’ލީގަލް އެޖެންޑާ‘ ގެ ދިރާސާވެރިޔާ ޣީދާ ފްރަންޖީ ވިދާޅުވިއެވެ. ”އިސްރާއީލުން ބުނާ 250 މީހުންގެ އަދަދު ރަނގަޅުވާނީ ޝަހީދުވި ހުރިހާ ފިރިހެނުންނަކީ ހިޒްބުالله ހަނގުރާމަވެރިން ކަމަށް ވާނަމަ. އެކަމަކު އެއީ ހަގީގަތެއް ނޫން، ސަބަބަކީ ޝަހީދުވި މީހުންގެ ތެރޭގައި އާންމު އެތައް ފިރިހެނުންނެއް ހިމެނޭކަން އަހަރެމެންނަށް ވަނީ ކަށަވަރު ކުރެވިފައި.“
ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެދުވަހު ޝަހީދުވި މީހުންގެ ތެރޭގައި ރެސްޓޯރެންޓް މުވައްޒަފުންނާއި، މުދައްރިސުންނާއި، ޅެންވެރިންނާއި، ނޫސްވެރިންނާއި، ލުބުނާނު ސިފައިން އަދި ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނެއެވެ. ބައެއް ހަމަލާތަކުގައި އެއް އާއިލާއެއްގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދުވެފައެވެ. އެގޮތުން ހާމިލް ސަރަހައްދުގައި ނަސްރުއްދީން އާއިލާގެ 7 މެންބަރުން އަދި ޖުނާހް ސަރަހައްދުގައި ތިން ކުޑަކުދިން ހިމެނޭހެން ހާވީ އާއިލާގެ ތިން ޖީލެއްގެ މީހުން ވަނީ އެއްކޮށް ޝަހީދުކޮށްލާފައެވެ.

