ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި ޑިމޮކްރެޓިކް ވެށީގެ ތެރެއިން ގެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޒަރީރު މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަރީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން ވޯޓު ދީފައިވަނީ މިހާރު މިއޮތް ނިޒާމަށްކަން ފާހަގަކުރައްވައި، އިދިކޮޅު ފަރާތްތަކުން ނިޒާމު ބަދަލުކުރަން އުޅުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީ ބަދަލުކުރަން އެންމެން ބޭނުން ނުވާކަން ފާހަގަކުރައްވައި، އިދިކޮޅު ފަރާތްތަކުގެ ވެރިކަމުގައި ޤާނޫނު އަސާސީ ބަދަލުކުރަން މަސައްކަތް ނުކޮށް، މިހާރު އެކަން ކުރަން އުޅޭތީ އެކަމާ މެދު ޒަރީރު ވަނީ ސުވާލު އުފައްދާފައެވެ.
ސަރުކާރުން ޤާނޫނު އަސާސީއަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރައްވިއެވެ.
”ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި އަދި ޑިމޮކްރެޓިކް ވެއްޓެއްގެ ތެރެއިން ހަރުދަނާ ނިޒާމެއް ގެނެސް ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޑރ. މުއިއްޒު ގެންދަވަނީ ކުރައްވަމުން“ ކަމަށެވެ.
ޑިމޮކްރެސީގެ އެންމެ މުހިންމު އެއް އަސާސަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ވާއިރު، މިހާރު ރާއްޖޭގައި އެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި ދީފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، މީގެ ކުރިން ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ބައްދަލުނުކުރައްވާ މިންވަރަށް ރައީސް ޑރ. މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބުދެއްވައި މަޢުލޫމާތު ހާމަކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރު ވަނީ އިދިކޮޅު ފަރާތްތަކުން ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

