މާތް الله އިންސާނާ މާތްކުރައްވާފައިވާ މިންވަރާއި، އަމިއްލަ ނަފުސާއި އަނެކުންގެ އަބުރަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ. މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ ”ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!“ މިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިންސާނާގެ ނަފުސަކީ މާތް الله ދެއްވާފައިވާ އަމާނާތެކެވެ. އެހެންކަމުން، ޙައްޤަކާ ނުލައި އެއްވެސް ނަފުސެއް މެރުމާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. ދިިރިއުޅުމުގައި ދިމާވާ މުޞީބާތްތަކަކީ އިމްތިޙާނެއް ކަމަށާއި، އެފަދަ ވަގުތުތަކުގައި ކެތްތެރިވާ މީހުންނަށް އޮތީ ސުވަރުގެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަމިއްލައަށް މަރުވާ މީހުންނަށް އާޚިރަތުގައި ގަދަފަދަ ޢަޛާބު ހުރިކަން ބަޔާންކުރައްވައި، ކީރިތި ރަސޫލާ ﷺ އެފަދަ މީހުންގެ މައްޗަށް ކަށުނަމާދު ނުކުރެއްވިކަންވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންސާނާގެ އަބުރަކީ އޭނާގެ ލެޔާއި މުދަލާ އެއްވަރަށް ޙުރުމަތްތެރިވެގެންވާ އެއްޗެއްކަން ފާހަގަކުރައްވައި، މީހުންނަށް ހަނގާކުރުމާއި (bullying)، ފުރައްސާރަކުރުމާއި، ހުތުރު ނަންތަކުން ގޮވުން ފަދަ ކަންކަމަކީ ނަރަކައަށް ދާންޖެހިދާނެ ސަބަބުތަކެއްކަމަށް ޚުޠުބާގައި އިންޒާރު ދެއްވިއެވެ. ޚާއްޞަކޮށް މިއަދުގެ މުޖުތަމަޢުގައި ފެތުރެމުންދާ ގަނާކުރުމުގެ ވަބާއާއި، އޭގެ ސަބަބުން ކުށެއްނެތް ކުޑަކުދިންނާއި ދަރިވަރުން ދުނިޔެ ދޫކުރަން ޖެހޭ ހިތާމަވެރި ޙާދިސާތަކަށް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.
ޒުވާނުންނާއި ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޚުޠުބާގައި ވިދާޅުވީ، ދިމާވާ ގޮންޖެހުންތަކަށް ޖެހިލުންނުވެ ކެރިގެން ކުރިމަތިލުމަށެވެ. އަދި އިންޓަނެޓާއި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު، އަމިއްލަ ޒާތީ ސިއްރުތައް ހާމަނުކުރުމަށާއި، ބިރުދެއްކުމާއި އިންޒާރުތަކަށް ދޫނުދީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކުރެއްވިއެވެ.
ޚުޠުބާ ނިންމާލާފައިވަނީ ކަމާބެހޭ މުއައްސަސާތަކާއި، ބެލެނިވެރިންނާއި، މުދައްރިސުންނަށް މުހިންމު މެސެޖެއް ދެއްވަމުންނެވެ. އެގޮތުން ސައިބާ ކްރައިމްތަކާއި ގަނާކުރުން ހުއްޓުވުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ދަރިންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ދީނީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް ބާރުއެޅުއްވިއެވެ.

