ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑީގެ ވޯޓުތައް އަލުން ގުނުމަށް އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހުޅުމާލޭ މެދުދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފެވެ. އޭނާއަށް 916 ވޯޓު ލިބިވަޑައިގަތްއިރު، އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރަށް ލިބިފައި ވަނީ 905 ވޯޓެވެ.
ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ އެންމެ 11 ވޯޓުގެ ތަފާތަކަށް ވީނަމަވެސް، އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދު 400 އަށްވުރެ ގިނަ އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ، ވޯޓު ގުނުމުގެ ތެރޭގައި ބާތިލު ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާފައިވާ ކަމަށް ބުނެއެވެ. އަދި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ކުޑަވުމާއެކު، އަލުން ވޯޓު ގުނައިފިނަމަ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް މައްސަލައިގައިވެއެވެ.
މި މައްސަލަ ބަލައިނުގަތުމަށް ނިންމައި ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ، ވޯޓު ކަރުދާސް އަލުން ގުނަން ނުޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގޯސްވާ އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުން ޕީއެންސީއަށް ކާމިޔާބު ކުރެވުނު ދެ ގޮނޑީގެ ތެރޭގައި ހުޅުމާލޭ މެދުދާއިރާ ހިމެނެއެވެ. ސިޓީ ކައުންސިލްގެ ބާކީ ދާއިރާތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީ އެވެ.

