ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ކޮންމެ ގައުމެއްގެވެސް ނޫސްވެރިން އަދާކުރާ މުހިންމު ދައުރާއި، އެ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެކެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަކީ ހިތްދަތި ތަޖުރިބާތަކަކަށްފަހު، އެތައް ބައެއްގެ ގުރުބާނީން ލިބިފައިވާ މަތިވެރި ހައްގެކެވެ. މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެ، ނޫސްވެރިކަމަށް އައު އުންމީދުތަކެއް ލިބިފައިވީ ނަމަވެސް، މި މިނިވަންކަމުގެ ބިންގާ އެޅިގެން އައި ގޮތާއި، މާޒީގައި ނޫސްވެރިން އުފުލި ތަކުލީފުތައް ހަނދާންކުރުމަކީ މިއަދުގެ މުނާސަބަތުގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހަށް ބަލާއިރު، މިނިވަން ނޫސްވެރިކަމެއް ގާއިމުކުރުމަށް އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަކީ އަމިއްލަފުޅަށް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ލިޔުއްވި ލިޔުންތަކުގެ ސަބަބުން އެތައް ފަހަރަކު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތް ބޭފުޅެކެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް، ”ސަންގު“ މަޖައްލާ ފަދަ ވަސީލަތްތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތަކީ ދިވެހި ނޫސްވެރިކަމުގެ ބިންގަލެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގައި އޮތް ”ސަރުކާރުގެ ނޫސްވެރިކަން“ ނިމުމަކަށް ގެނައުމަށް އިންގިލާބީ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދައުލަތުގެ މީޑިއާ، ސަރުކާރުގެ ޕްރޮޕެގަންޑާ މެޝިނެއްގެ ގޮތުގައި އޮތް އޮތުން ހުއްޓުވައި، އެއީ ރައްޔިތުންގެ މީޑިއާއަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދޫކުރަން ފެއްޓެވުމަކީ ރާއްޖޭގެ ގޭގެއަށް ތަފާތު ޚިޔާލުތަކާއި ފާޑުކިޔުންތައް ވަދެގެންދިޔަ މައިގަނޑު ސަބަބެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހަކީ ހަމައެކަނި އުފާވެރި މަންޒަރުތަކެއް އޮތް ތާރީޚެއް ނޫނެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައި ނޫސްވެރިކަން އޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. އެ ދުވަސްވަރު ސަރުކާރަށް ފާޑުކިޔާ ނޫސްވެރިން ޖަލަށްލުމާއި، ނޫސް މަޖައްލާތައް ބަންދުކުރުމަކީ އާންމު ކަމެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ސައްހަ މައުލޫމާތު ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.
އޭގެ ފަހުން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމަކީ ނޫސްވެރިކަމަށް އެންމެ ނުރައްކާތެރި އަދި ގޮންޖެހުން ބޮޑުވި އެއް ދައުރު ކަަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެ ދައުރުގައި ’އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު‘ ފާސްކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނީ ގޮތުން ހަނިކުރިއެވެ. މި ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ޖަލު ހުކުމްތައް ނޫސްވެރިންނަށް އަމާޒުވިއެވެ. މީގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރ ޔާމީން ރަޝީދު މަރާލުން ފަދަ ބިރުވެރި ހާދިސާތަކަކީ ދިވެހި ނޫސްވެރިކަމަށް އެޅުނު ކަޅު ހިލަގަނޑެކެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއެކު ޒިންމާދާރުކަން އައުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނޫސްވެރިންނަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭއިރު، ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ އެ ފަރާތްތަކުގެ މައްޗަށް އޮތް ވާޖިބެކެވެ. ދޮގު މައުލޫމާތު ފެތުރުމާއި، މީހުންގެ އަބުރަށް އަރައިގަތުމަކީ މިނިވަންކަމުގެ ނަމުގައި ކުރެވޭނެ ކަންކަމެއް ނޫނެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަގީގީ އައްޑަނައެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތަކީ ވަރަށް ދިގު އަދި އުނދަގޫ ދަތުރެކެވެ. މިއަދު ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގައުމުގެ އިސްލާހަށް މަސައްކަތްކުރުމަކީ ކޮންމެ ނޫސްވެރިއެއްގެ ޒިންމާއެކެވެ. މާޒީގެ ހިތްދަތި ތަޖުރިބާތަކުން އިބުރަތް ހާސިލުކޮށް، ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތް މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

