ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަން ދުވަހު ނޫސްވެރިންގެ ޖަމިއްޔާއިން ސަރުކާރަށް 9 ޑިމާންޑެއް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާކަމަށް ބުނެ، އެކަން އިޞްލާޙުކުރުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް 9  ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޖަމްޢިއްޔާއިން ވަނީ ރާއްޖޭގައި ނޫސްވެރިންނަށް އޮތް ބިރުވެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޖޭއޭއިން ފާހަގަކުރި ގޮތުގައި، ރިޕޯޓާސް ވިތައުޓް ބޯޑާސް (RSF) އިން ނެރުނު 2026 ވަނަ އަހަރުގެ ’ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް‘ ގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެކެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް އެ ޖަމިއްޔާއިން ވަނީ ތަފްސީލުކޮށްދީފައެވެ.

އެމްޖޭއޭގެ ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާލުމަށެވެ. އެގޮތުން ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު“ އުވާލައި، މީޑިއާތަކުން އަމިއްލައަށް ރެގިއުލޭޓްކުރާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ’އަދަދު‘ ނޫހުގެ އެޑިޓަރުންނަށް ކުރާ ޖިނާއީ ތަހުގީގުތައް ހުއްޓާލުމަށާއި، އެ ބޭފުޅުންނަށް އޮތް ޓްރެވަލް ބޭން އުވާލައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ހަވާލުކުރުމަށްވެސް ވަނީ އެދިފައެވެ.

ނޫސްވެރިން ޝާއިއުކުރާ ކޮންޓެންޓަކާ ގުޅިގެން ޖިނާއީ ތަހުގީގުތައް ނުހިންގުމަށާއި، ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަދަލުކުރުމަށްވެސް އެމްޖޭއޭއިން ވަނީ ބާރުއަޅާފައެވެ. އަދި ނޫސްވެރިންނަށް ދޭ އިންޒާރުތައް ސީރިއަސްކޮށް ބަލައި، މުޒާހަރާތަކުގައި ފުލުހުންގެ ފަރާތުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާގެ ހުށަހެޅުންތަކުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (RTI) ފުރިހަމައަށް ތަންފީޒުކުރުމާއި، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ ގްރާންޓް އިންސާފުވެރިކަމާއެކު ދިނުން ހިމެނެއެވެ. އަދި ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ރިޕޯޓުތައް އާންމުކޮށް، އެކަމުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުމަށްވެސް ވަނީ ގޮވާލާފައެވެ.

”ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ބާރުވެރި ފަރާތްތައް ޖަވާބުދާރީކުރުވޭނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް އޮވެގެން،“ އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ޖަމްޢިއްޔާއިން ވަނީ މި ހުށަހެޅުންތަކަށް ސަރުކާރުން ވަގުތުން އިޖާބަދީ، މީޑިއާތަކާއެކު މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: