ނޫނު އަސާސީއިން ލިބޭ ހައްގުތަކަކީ ހަމައެކަނި އަސާސީ ހައްގުތައް ނޫންކަމަށާއި، މިކަމަކީ ރައްޔިތުންގެ ޖީބާއި ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީން މާފަންނު ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީން ހުށަހަޅާ އެއް ހުށަހެޅުމަކީ ރައްޔިތުންގެ ހައްގުތަކާ ގުޅޭ މާއްދާތައް މިހާރަށް ވުރެ ބޮޑަށް ތަފްސީލުކޮށް، އެއްވެސް އޮޅުމެއް ނާރާނެ ފަދަ ގޮތަކަށް ޤާނޫނު އަސާސީގައި ލިޔުން ކަމަށެވެ. އަދި ދައުލަތުގެ އެއް ބާރު އަނެއް ބާރުގެ މައްޗަށް އޮންނަ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަކުރުމަކީ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވޭނެ ގޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިޒާމު އިސްލާހު ކުރުމަށްޓަކައި ސަރުކާރު ސައިޒުކުރުމަށް ފައްޔާޒް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ”މާގަދަފަދަ މީހެއް ނޫން ގޮތަށް ހެދުން“ ހިމެނޭ ކަމަށާއި، އޭގެ ބަދަލުގައި ރައީސަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަންނަ މީހެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މި ބަދަލުތައް ގެނެވޭނީ ރައީސްގެ ބާރުތަކާއި މަޖިލީހުގެ ބާރުތައް ކުޑަކޮށްގެން ކަމަށެވެ. މީގެ ހައްލެއްގެ ގޮތުން މުޅި ދައުލަތުގެ ވެރިއަކާއި، ސަރުކާރުގެ ވެރިއަކީ ދެ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުމަށް އޭނާ ހުށަހެޅުއްވިއެވެ.
މި ހުށަހެޅުންތަކާ ގުޅިގެން ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭ ކަމުގެ ތުހުމަތު އަތުވެދާނެ ކަމަށް ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއީ ބަރުލަމާނީ ނިޒާމާ މުޅިން އިދިކޮޅު ކަމެއް ކަމަށެވެ. ”ބަރުލަމާނީ ނިޒާމު އެ ނިޒާމަށްވާ ސަބަބަކީ އެ ވެރިޔާ މަޖިލީހުގެ ތެރެއިން ހޮވިގެން ދިޔުން،“ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އަނެއްކާވެސް ތަކުރާރު ކުރެއްވީ ޤާނޫނު އަސާސީއިން ލިބޭ ހައްގުތަކަކީ ހަމައެކަނި އަސާސީ ހައްގުތަކެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މާލީ ތަނަވަސްކަމާއި ޖީބާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށެވެ.

